

ބަލާ ފާސްކުރުމުގެ ނަމުގައި ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައިގައި ކަން ހިނގި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ ވޭމަންޑޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޒުވާނެއް ކަމަށާ އެ ޒުވާނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތޭރަ އޮންލައިނަށް މިކަމާ ގުޅިގެން އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެކަމެއް ހިނގާ ދިޔައީ މަގުމަތީގައި ހުރި ޒުވާނަކާ އައިސް ފުލުހުން ސުވާލުކޮށް އޭނާ ބަލާ ފާސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ބަލާ ފާސްކުރަން ފެށުމުން ވެސް އެ ޒުވާނާ އެއްވެސް ގަދަކަމެއް ދައްކާފައިނުވާ ކަމަށާ، އަދި ފުލުހުންގެ ހައްޔަރަށް ގެންދަން ބިޑި އެޅުވި ވަގުތު އަތް އަނބުރާލުމުން ތަދުވެގެން އޭނާ "އައްދިއްޔޯއި" ގޮވާލި ކަމަށެވެ. އޭނާ އެހެން ގޮވާލުމުން އޭނާގެ އަނގަމަތީގައި ޖަހާ އަނގަމަތި ފަޅާލާފައިވާ ކަމަށާ ހައްޔަރަށް ގެންދިޔައިރުވެސް އަނގައިން ލޭ އަންނަމުން ދިޔަކަމަށް އެމީހާ ތޭރަ އޮންލައިނަށް ކިޔައިދިފައިވެއެވެ. އަދި އެ މީހާ މަގުމައްޗަށް ވައްޓާލާފައި ބޭއްވުމަށް ފަހު އުނަގަނޑު މަތީގައި ދެ ފަަރު ފައިން ޖެހިކަމަށްވެސް ބުނެފައިވެއެވެ.
އެފަދައިން އަނިޔާ ކޮށްފައިވަނީ ފުލުހުންގެ އިސް މީހެއްގެ ގޮތުގައި ތ. އަތޮޅު ވޭޟަންޑޫ ޮޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އަލީ ނާޒިމް ކިޔާ ފުލުހެއްކަމަށާ އޭނާއަކީ މީހުންނަށް އަނިޔާކުރުމުގެ ތާރީޚެއް އޮތް މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ނާޒިމްގެ އެ މައްސަލަ ތަކުރާރުކޮށް ފުލުހުންގެ އިންޓަރގިރިޓީ ކޮމިޝަންއަށް އެރަށު މީހުން ހުށަހަޅާފައިވާ ކަމަށާ ނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އަލީ ނާޒިމް ކުށުން ބަރީއަވަނީ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މި ވީޑިއޯ ފުލުހުންގެ މީޑިޔާއާ ހިއްސާކޮށް އިތުރު ތަފްސީލު ދިނުމަށް އެދިފައިވާއިރު މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދެއެވެ.