ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓ) އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު 11:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.
ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޯކޮށް ވަރޭ ވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައިވެސް ވެއެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އަންގާފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނު ވެސް ރީނދޫ ސަމާލު ނެރެފައިވެއެވެ. އަދި މިދިޔަ ހަފްތާ އެއްކޮށްހެން މެޓް އިން ދިޔައީ ރީނދޫ ސަމާލު ނެރެމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ ފާއިތުވި ހަފްތާއެއް ހާ ދުވަހު ވަނީ މުޅި ރާއްޖެއަށް ވިއްސާރަކޮށް ވެހުނު ވާރޭގެ ސަބަބަުން ބޮޑެތި ގެއްލުންތައް ވެސް ވެފައެވެ.