ކިތަންމެ ބޭނުންވިޔަސް އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށް ރައީސް ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ދެން އޮންލައިންގެ ޕޮޑްކާސްޓްގައި ފައިސަލް ވަނީ ރައީސް ޔާމީން ހުންނެވީ ސިޔާސީ މައިދާނުގައި އެކަހެރިކޮށްފައިކަމަށް ވިދާޅުވެފަ އެވެ.
ފައިސަލްގެ މި ވާހަކައަށް ރައްދު ދެެއްވަމުން ރައީސް ޔާމީން ވިދާޅުވީ ފައިސަލް ކިތަންމެ އަޑަށް ބާރުލާފައި ވިދާޅުވިޔަސް އެމަނިކުފާނު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިވެގެން ނޫން ކަމަށެވެ.
އަދި އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ކުރުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ސިޔާސީ މައިދާނުގައި ސާބިތުކަމާއި އެކު ކަމަށް ވެސް ވިދާޅުވި އެވެ.
މިކަހަލަ ނިޒާމެއްގެ ތެރޭގައި ރައީސް ޔާމިން ފިތިފަކައި ނުހުންނާނެ، އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރި ވެގެނެއް ނޫން މިހުރީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނު ގައި، އަޅުގަނޑު މިދައްކާ ވާހަކައަށް އެބޭފުޅުން ޖަވާބު ދެއްވާ
ރައީސް ޔާމިން އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސްސަފުގައި ތިބީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅުން ނޫން ކަމަށެވެ.
އަދި އެއިން ބޭފުޅަކު ސަރުކާރުން ނިކުންނަވާ ސިޔާސީ ޕާޓީއެއް ހައްދަވަން ދިމާކުރައްވައިފިނަމަ ހާހެއްހާ މީހުންގެ ތާއީދު ވެސް ނުހޯއްދެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފަ އެވެ.