

މި ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއަށް ރުހުން ނުދޭން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން ވަނީ މި ހަތަރު ވަޒީރުންނަށް ރެޑް ލައިން ވިޕެއް ނަގާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށްޓާކައި ބޭއްވުނު ދައުރުން ބޭރުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ބަހުސް ކުރައްވަމުން ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް، އަދި ހޯރަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވަނީ ފާޅުގައި ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބުނެފައެވެ.
އަދި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވެސް ވަނީ އެޕާޓީން ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި ހުރިހާ މެމްބަރުންނަށް ރުހުން ދޭން އެ ޕާޓީއަށް ފަސޭހައެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޑިމޮކްރެޓްސް އަކީ މި ސަރުކާރު ގެނެއުމަށްޓަކައި ސިއްރުން މަސައްކަތް ކުރެއްވި އެއް ޕާޓީކަން ފާހަގަކޮށްލެވެއެވެ.