
ރައީސް މުހައްމަދު މުއިއްޒުގެ ނަން ދިވެހި ތާރީޚު ލިޔާނީ އެދުރުމީހާއަށާ ރައްޔިތުންނަށް ވެސް ބޭވަފާތެރިއެއްގެ ގޮތުގައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިފާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އަލުން ޝަރީއަތްތައް ފެށުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލު ވިދާޅުވީ، މި ސަރުކާރު ރައްޔިތުން ގެނައި އެންމެ ބޮޑު ކަމަކީ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ކުރަމުން ގެންދިޔަ ޝަރީއަތްތަކާ ހަރާން ހުކުމްތައް ހުއްޓުމަކަށް ގެނައުން ނަމަވެސް މިއަދު ފެންނަމުން ދަނީ ރައީސް ޔާމީންގެ މައްޗަށް "ސެލެކްޓިވް ޕްރޮސެކިއުޝަނެއް" ހިންގާ އަނެއްކާވެސް ކޯޓަށް ދަމާ މަންޒަރު ކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލަ ތިލަކޮށް ރައީސް ޔާމީންގެ މައްޗަށް ހިންގަނީ "ސެލެކްޓިވް ޕްރޮސެކިއުޝަނެއް"ކަން ހާމަވަނީ އެ މައްސަލައިގައި ހިމެނޭ އެހެން އެންމެން މިނިވަންކޮށް ތިބުންކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ، އެއީ ރާއްޖޭގެ ޖުޑިޝިއަރީ ނިޒާމަށް ނުފޫޒު އޮތް މިންވަރު ހާމަވާ ވަރުގަދަ ހެއްކެއް ކަމަށެވެ.
ޑރ ޖަމީލުގައި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުގެ ބޭވަފާތެރިކަން ތާރީހު ލިޔާނީ ވައުދާ އަހުދާ ޚިލާފުވެ އެދުރުމީހާއަށާ އިތުބާރުކޮށް ވޯޓު ދިން ރައްޔިތުންނަށްވެސް މަކަރު ހެދި މަކަރުވެރިއެއްގެ ގޮތުގައި ކަމަށެވެ.
ސިޔާސީ ގޮތުން ކުރާ ދައުވާޔތަކާ ހުކުމްތަކުގެ ސަބަބުން ލީޑަރުންގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާ އަދި ސަރުކާރުން ދޭ އިންޒާރުތަކާ އެކުވެސް، ޑިމޮކްރެސީ ހަމަތަކައެކު ރަގަޅު ަހރުދަނާ މުޖުތަމައެއް ބިނާކޮށް ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅު ހުއްޓާނުލައްވާނެ ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ އެ މަސައްކަތްޕުޅުގެ ނަތީޖާ ފެނިގެންދާނީ ފޮނިކޮށް ކަމަށާ ރައީސް މުއިއްޒު އެ މަންޒަރު ބައްލަަން ހުންނެވުމަށް ގޮވާލައްވާފައިވެއެވެ. އަދި ތައިލެންޑުގެ ސިޔާސީ މަސްރަހުން ފެނިގެން ދިޔަ މަންޒަރާ އެކު ބާރުތައް އޮންނަި ރައްޔިތުންގެ އަތުގައި ހާމަވެފައިވާ ކަމަށާ އެހެންކަމުން އެ ރައްޔިތުން ރައީސް ޔާމީންގެ ހައްގުގައި ނިންމުންތައް ކޮންމެ ވަގުތަކުވެސް ނިންމަފާނެ ކަންވެސް ޑރ. ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
ޑރ. ޖަމީލު މިފަދައިން ޕޯސްޓު ކުރައްވާފައިވާއިރު، ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކާ ހުކުމްތަކެއް ކަމަށް އިންތިޚާބުގެ ކުރިން ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އެކަން ނިމުމަކަށް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެސް ވެއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެމްޑީއެން ހުސެއިން ޝަމީމު ދައުރު ނިމެންދެން ޕީޖީގެ މަގާމުގައި ބަހައްޓަން ޑީލެއް ހަދާފައިވާ ކަމަށާ އެ ޑީލުގެ ތެރެއިން އެއްބަސްވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އަލުން ދައުވާތަކެއް އުފުލާ ޖަލަށް ލުން ކަމަށް އަޑުތައް ފެތުރިފައިވެއެވެ.










