ބުޅަލުގެ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ އުފެއްދި ތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުންދަނީ ސައްހަ ނޫން ލިސްޓެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެ ލިސްޓްގައި ޖުމްލަ 20 ފިހާރައެއްގެ ނަން ހިމެނެ އެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އިމިގްރޭޝަން ނަމުގައި ދައުރު ކުރަމުންދާ ފޭކް ލިސްޓެއް ކަމަށެވެ.
އިއްޔެ ހައްޔަރުކުރި އެ ބިދޭސީ މިހާ މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެ މީހާއަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ.
އެ ބިދޭސީ މީހާ ހައްޔަރުކުރުމުގެ ކުރިން ދިވެއްސަކު އޭނާއާ ސުވާލުކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ބުޅާ އުޅޭ، މާލޭ މެރީ ބްރައުން ކުރިމަތީގެ ޕާކިން ޒޯނު ތެރޭގައި ހުއްޓަ އެވެ.
ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީ މީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭގޮތުން ވީޑިއޯގައި ސުވާލު ކުރުމުން އޭނާ ބުނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.
ވީޑިއޯ ހެދި ދިވެހި މީހާ ވަނީ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށާއި ބުޅާ ރޯ އަޑު ވެސް އިވޭ ކަމަށެވެ.