ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓު ބިލު ހުށަހެޅީ ކަމާ ގުޅުން ހުރި އެންމެ އިސް މުއައްސަސާއާ މަޝްވަރާ ނުކޮށްކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އާބަން ޑިވެލޮޕްމަންޓް ބިލު ދިރާސާ ކުރުމުގެ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރި ކުރުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ އެ މިނިސްްޓްރީއަކީ ކައުންސިލުތަކާ ގާތްކޮށް މަސައްކަތް ކުރަން ޖެހޭ މިނިސްޓްރީއަކަށްވާއިރު ބިލާ ގުޅޭގޮތުން ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި މި ބިލު ޑްރާފްޓް ކުރެވިގެން މި ހިސާބަށް އައިއިރު، އެ މިނިސްޓްރީގެ އެއްވެސް އިންވޯލްމަންޓެއް ނެތްކަން ވެސް ހާޝީމް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ލާމަޒުކަޒީ ގާނޫނާ ތައާރަޒުވާ ބައިވަރު ކަންތައް އެ ބިލުގައި ހުރިކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަން ފާހަގަކުރައްވާ ޙާޝިމް ވަނީ ބިލާ މެދު ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.
އިތުރަށް ޙާޝިމް ވިދާޅުވި ގޮތުގައި ބިލުގައި ހިމެނިފައިވާ ގިނަ ކަންތައްތަކުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމުގައެވެ.
ހަމައެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލުތައް އަބަދުވެސް ބާރުވެރި ކުރުވައި، ކައުންސިލުތަކާ ވަރަށް ގާތްކޮށް ލާމަރުކަޒީ ނިޒާމު ހިންގުން ކަމުގައި ވީނަމަވެސް އާބަން ޑިވެލޮޕްމަންޓު ބިލުގައި ހިމަނާފައިވާ "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" އުފެދިގެން އަންނައިރު، ކައުންސިލުތަކުގެ ބައިވެރިވުން އެކަމުގައި ނޯންނަ ކަން ހާޝިމް ފާހަގަކުރެއްވިއެވެ. އަދި ބައިވެރިވުން އޮތީ ހަމައެކަނި ވިލަރެސް ކުރުން ފަދަ ކަންކަމުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓަކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.