ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ކަމަށް ބުނެ މީސް މީޑިއާގައި ފަތުރަނީ ހަގީގަތާ ހިލާފް ރިޕޯޓެއް ކަމަށް ބުނެ ފުލުހުންގެ ހިދުމަތުން ދޮގު ހަދައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓު ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ރައީސް މުއިއްޒު އާއި އަބްދުއްރަހީމަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އޮތް ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.
ޝިފާން އޭގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައި ނެތެވެ.
މީސް މީޑިއާގައި ދައުރުވަމުންދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރަން ފެބްރުއަރީ 7، 2016، ގައި ނެރުނު ކޯޓު އަމުރާ ގުޅިގެން ފުލުހުން ތައްޔާރުކުރި ކަމަށް ބުނާ ތަހުގީގު ރިޕޯޓެކެވެ. އޭގައި ފުލުހުންނާއި ސިފައިންގެ ތެރެއިން އަދި ސަރުކާރުގެ ތެރެއިން މިކަމުގައި ބައިވެރިވި ފަރާތްތަކުގު ނަންތައް ވެސް ހިމެނެއެވެ.
އަދުރޭއާ ގުޅުވާ އެ ރިޕޯޓުގައި ވަނީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އަދީބު އޭނާއަށް ހަތަރު މިލިއަން ރުފިޔާ ދިން ކަމަށެވެ.އަދި ރޭވުމާ އެއްގޮތަށް ރައީސް ޔާމީން ހައްޔަރު ކުރެއްވިއްޖެނަމަ އިތުރު 16 މިލިއަން ރުފިޔާ އަދުރޭއަށް ދޭން ނިންމާފައިވާ އޮތް ކަމަށް ވެސް ރިޕޯޓުން ހާމަވެއެވެ.
އިތުރަށް އެ ރިޕޯޓްގައި ބުނެފައިވާގޮތުން ރައީސް މުއިއްޒު ވަނީ އަދީބު އަތުން 14 މިލިއަން ރުފިޔާ ނެގިކަމަށެވެ.ރައީސް ޔާމީނުގެ ވެރިކަން ނިންމާ އެމަނިކުފާނު ހައްޔަރުކުރުމަށް އޭރު ސަރުކާރާއި ފުލުހުން އަދި ސިފައިންގެ ވެރިން ރޭވި ކަމަށް ބުނާ ވާހަކަތަކެއް ވެސް އެ ރިޕޯޓްގައިވެއެވެ.
އެގޮތުން އޭރު ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްލި ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ ވާހަކަ ހިމެނެއެވެ.ފުލުހުން މި ރިޕޯޓް މިހާރު ދޮގު ކުރިނަމަވެސް މި ރިޕޯޓްގައި މި ވަނީ އަދުގެ ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަދުރޭގެ ހަގީގަތް ހާމަވެފައެވެ.
ފާޅުގައި އެމްއެމްޕީއާރްސީ މައްސަލަ ބަލަން ގޮވާލާއިރު އެކަމުގައި އެ ދެބޭފުޅުންގެ މައްޗައް ވެސް ތަހުގީގު ހިނގާނެކަމުގެ ބިރަށް އެ ބޭފުޅުން މިވަނީ ފުލުހުންގެ ހިދުމަތައް ނުފޫޒު ފޯރުވާ ދައުރުވަމުންދާ ރިޕޯޓް ދޮގުކޮށްފަ އެވެ.