ދިވެހިރާއްޖޭގައި އޮތީ ތިން ބާރުވަކިވެފައި އޮތް ރިޔާސީ ނިޒާމެއްކަމަށް ބުނެ އުޅޭތި އަޑު އަހަމުއެވެ. ނަމަވެސް ތިން ބާރު ވަކިވެފައި އޮތީ ކިހިނެތްކަމާ މެދު ސުވާލު އުފައްދާނެ ޖާގަ މިއަދު މިވަނީ ތަނަސްވެގެން ގޮސްފައެވެ.
އަލަށް އުފެދުނު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުންގެ ދައުރުން ބޭއްވި ޖަލްސާގައި ކޮމިޓީ ރިޕޯޓު އިއްވާ ބަހުސްއަށް ވެސް ހުޅާވާލާ ކުރިއަށް ގެންދިއެވެ. އެއާއެކު އެމްޑީޕީގެ ނިންމުމާ އެމްޑީޕިއާ އެކު މަސައްކަތް ކުރަން ނިންމާފައިވާ ޑިމޮކްރެޓްސްގެ ނިންމުންވެސް އިއްވިއެވެ. އެގޮތުން ފަސް ވަޒީރަކަށް ރުހުން ނުދޭން ދެ ޕާޓީއިން ނިންމިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރު ސައީދަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ.
އެއާއެކު ވޯޓަށް އަހަންވީއިރު މަޖިލީހުގެ ތަޅުން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ހިޞާރުކުރިއެވެ. ތަޅުމަށް ވަދެވެން ހުރި ހުރިހާ ދޮރެއް ޕީއެންސީ އަދި ޕީޕީއެމް މެމްބަރުން ތަޅުލިއެވެ. މިއީ މަޖިލީހުގެ ތާރީޚުގައި މިފަދަ ހުތުރު ކަމެއް މެމްބަރުންކުރި ފުރަތަމަ ފަހަރެވެ. އެ ވަރުން ފުދުނީއެއް ނޫނެވެ. މަޖިލީހުގެ މުދާތައް ނަގާ ފޮރުވާ ހެދިއެވެ. މަޖިލީހުގެ ރިޔާސަތު ހިޞާރުކުރިއެވެ. ސަރުކާރުގެ ސީދާ އެންގުމަސް މަޖިލިސް ދޮށަށް ސަރުކާރުގެ އިސް ވަޒީރުންނާ އަދި ސިޔާސީ މަގާމުތަކުގައި ތިބި ބޭބޭފުޅުންވެސް ވަޑައިގެން އަޑު އުފުލިއެވެ. ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވަމުންނެވެ.
މަޖިލީހުގެ އިދާރާގެ ބޭރުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރު ހިންގަން ދަތިނުކުރުމަށް ގޮވަމުން ދިޔައިރު މަޖިލީހުގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މަޖިލިސް މެމްބަރުން ގެންދިޔައީ ދުންމާރިފުމެ މާރާމާރީ ހިންގާ ނުވިތާކަށް މަޖިލީހުގެ މުދާވެސް އަންބޮޑިއަށް ލާ ފޮރުވަމުންނެވެ.
މިއީ މީގެ ކުރިން އެމްޑީޕީއިން މަޖިލީހުގައި ހުތުރު އަމަލުަތއް ކުރާ ކަމަށް ބުނެ އެންމެ ބާރަށް އަޑު އުފުލި މެމްބަރުންގެ ހާލަތެވެ. ޑިމޮކްރެސީގެ ރީތި މިސާލު ދެއްކުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެމްޑީޕީގެ މަޖިލިސް މެޖޯރިޓީއަށް ގޮވާލެއްވިއިރު އެމަނިކުފާނު ނިސްބަތްވާ ސަރުކާރުގެ މަޖިލިސް މެމްބަރުން ހޭވި ހަޑި ކުޑައެއް ނޫނެވެ. ޑިމޮކްރެސީއާ ބީރައްޓެހި އެތައް ކަމެއް މިއަދު މަޖިލީހުގެ އެތެރެއިންނާ ބޭރުން ސަރުކާރުގެ ފަރާތުން ފެނިގެން ދިޔައިރު މިއީ ވެރިކަމުގައި ތިބެ ޕާޓީއަކުން އިހުތިޖާޖުކުރި ދެވަނަ ފަހަރެވެ. އެކަން މީގެ ކުރިން ކުރީ އެމްޑީޕީއިންނެވެ.
އެމްޑީޕީއިން ޕީއެންސީ ބަދުނާމުކޮށް ސަރުކާރުގެ އަގު ވައްޓަން އެކި ޗައްކަރުތައް ޖަހަމުން ގެންދަނިކޮށް މި ފަހަރު ކާމިޔާބު އެމީހުން ހޯދައިފިއެވެ. އެގޮތުން ސަރުކާރުގެ ވެރިންނަކީ ކިރިޔާ ކަމެއްވާ އިރަށް ވެސް ޑިފެންސަށް ފައިބާ ކުޅޭއިރު މިއަދު މިއޮތީ ބައިކޮޅަށް ގޯލު ޖަހާފައެވެ. ވެރިކަމުގައި ތިބެ ވެރިކަން ކުރާ ބާރުން ގާނޫނު ހަދާ ބާރަށް މިއަދު އަރައިގެންފިއެވެ. މުޅި ރާއްޖެ މިމަންޒަރުތައް ދެކެފިއެވެ. ސަރުކާރު ހިންގަން އެމްޑީޕީއިން ދަތިކުރާ ކަމަށް ބުނެ އަޑު އުފުލިއިރު ސީދާ ރައީސް އޮފީހުގެ ތެރެއިން އައި އޯޑަރަށް މަޖިލީހުގެ ތަޅުމުގައި ރެސްލިން މެޗުތައް ކުޅެ ޕީއެންސީއިން ހޭވި ހާދަހާ ވާ ހަޑިއެކެވެ.
އެމްޑީޕީ ފަދަ ބަޔަކު ޖެހި ގުއި ރޯނުގައި ސަރުކާރުން ރަގަޅަސްވެސް ޖެހިއްޖެއެވެެ. އެހެނީ އެމްޑީޕީއިން ރުހުން ނުދިނުމުން އަލުންވެސް ވަޒީރުންގެ ނަންތައް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލޮިބިގެންވާއިރު ރުހުން ނުދިމަކުން ލިބޭނެ ވަކި ގެއްލުމެއް ނެތް އިރު މިއަދު ރައީސް މުއިއްޒުއާ އެޑްވައިޒަރު އަދުރޭ ރަގަޅަށް ވެސް އެމްޑީޕީއިން ކޮނުނު ހަންދަގަށް ވެއްޓިއްޖެއެވެ. މިއަދު ސަރުކާރުގެ އަގު ވެއްޓިއްޖެއެވެ.