އުމަރު ނަސީރު / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސަކު އަވަހާރަކޮށްލުމަށް ދޭ ހަމަލާއެއް ލުއިކޮށް ޝައްކު އުފައްދައި ހަދައިގެން ނުވާނެ: އުމަރު
Aishath Naja
އައިޝަތު ނަޖާ
28 އޯގަސްޓު 2024
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަކޮށްލުމަށް ދޭ ހަމަލާއެއް ލުއިކޮށް ޝައްކު އުފައްދައި ހަދައިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ފާޑު އަމާޒުކޮށްފި އެވެ.

އުމަރު މިފަދައިން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން އަންގާރަ ދުވަހުގެ ރޭ ސަންގު ޓީވީން ގެެނެސްދިން ޕްރޮގްރާމެއްގައި އަދުރޭ ވަނީ 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާމެދު ޝައްކު އުފައްދަވައިފަ އެވެ.

އަދި އެއީ އެ ލޯންޗުގައި އިންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުޅުއްވި ޑްރާމާއެއް ނޫންބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދުރޭގެ އެވާހަކަޔަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަ ކޮށްލުމަށް ހަމަލާ އެއްދިނުމަކީ ކުޅޭކުޅޭ ކަމެއްނޫން ކަމަށެވެ.އެފަދަ ކަންކަން ލުއިކޮށްލާ، ޝައްކު އުފައްދާ، ކައްޗާ ދުއްވުމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ.

އަދި ދައުލަތުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ވާހަކަ ދައްކަވާކަށް ނުވާނެކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރގެ މަގާމުގައި ހުންނެވި އުމަރު އެ ހާދިސާގެ ތުހުމަތު އެންމެ ބޮޑަށް ކުރެއްވީ އޭރުގެ ނާއިބު ރައީސް އަހުމަދު އަދީބަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved