
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ރޮވެންދެން ބަވައިލި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އަހްމަދު ފަޔާޒު (ޕާޕާ) ފާޑުވިދާޅުވެއްޖެއެވެ.
ޕާޕާގެ އެކްސް އެކައުންޓްގައި ޕޯސްޓް ކޮށްފައިވަނީ މިހާތަނަށް ރައީސް މުއިއްޒުގެ ހާމަނުވެ އޮތް ކަމެއް އަދުރޭ ހާމަކުރައްވައިފި ކަމަށެވެ.
ސަންގު ޓީވީން ގެނެސްދިން އިންޓަވިއުގައި އަބްދުއްރަހީމު ވިދާޅުވީ ފެށުނީއްސުރެވެސް ޔާމީންގެ ހިތުގައި މުއިއްޒަށް ހިތްހަމަ ނުޖެހުން އޮތް ކަމަށާއި ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ.
ޕާޕާ ތުހުމަތު ކުރައްވާ ގޮތުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާއި އަދުރޭ ބައްދަލު ކުރި ފަހުން ބަހާއި ރާގު ބަދަލުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު އާއި ދެކޮޅަށް ނުސީދާކޮށް އަދުރޭ ބަޣާވާތެއް ފައްޓަވަމުން ގެންގޮސްފައިވާ ކަމަށް ޕާޕާ ސިފަކުރެއްވިއެވެ.
އަދުރޭއަކީ ޔާމީންގެ ފަހަތުގައި ހުންނަވާ އެމަނިކުފާނާއި ދެކޮޅަށްވެސް ބަޣާވާތް ކޮށްފައިވާ ފަރާތަކަށްވާއިރު އެހެން މީހަކަށްވެސް އެފަދައިން ކަންތައްކުރަން ފަސްނުޖެހޭނެ ކަމަށް ޕާޕާ ސިފަކުރެއްވިއެވެ.










