
ބުދަ ދުވަހު ސަރުކާރު ހިންގާ މައި ޕާޓީ "ޕީއެންސީ" ގެ ބައެއް ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާރ ޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިޔަކާ ވާހާކަ ދެއްކެވި ގޮތުން މީސްމީޑިޔާގައި ފާޑުކިޔަން ފަށައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ "ސަންގު ޓީވީ" އަށް އަދުރޭ ދެއްވި އިންޓަވިޔުގައި ފިނިފެންމާ ލޯންޗް ގޮއްވާލީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަަމަށް ތުހުމަތު ކުރެއްވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ވަނީ އެއީ ކިހާ ޔަގީގެންކަމެއް އޮވެގެން ވިދާޅުވި ވާހަކައެއްތޯ އަހާފައެވެ.
އެ ސުވާލަށް އަދުރޭ ދެއްވި ޖަވާބަކީ ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބު ނޫންކަމުން އެ ޖަވާބުން އަނެއްކާވެސް ނޫސްވެރިޔާ ވަނީ ސުވާލު ކުރައްވާފައެވެ. އެކަމާ އަދުރޭ ވަނީ ރުޅި އިސްކުރައްވާ ވަރަށް ހަޑިކޮށް ނޫސްވެރިޔާއާ ވާހާކަދައްކަވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ އެ ކްލިޕް މީސްމީޑިޔާގައި މިހާެރު ދައުރުވަމުން އަންނައިރު އެކި ފަރާތްތަކުން އަންނަނީ އަދުރޭއަށް ނުރުހުން އަމާޒުކޮށް، ނޫސްވެރިންނަށް އިހުތިރާމް ނުކުރެވެންޏާ ޔޫޓިއުބް ޗެނަލްއެއް ހަދާފަ ބޭނުން ވާހަކައެއް ދައްކާފަ އެއަށް އަޕްލޯޑްކޮށްލުން ރަނގަޅުވާނެ ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަަދި ސުވާލުތަކަށް ޖަވާބު ނުދެވެންޏާ ރަނގަޅުވާނީ އެއްވެސް ވަރަަކަށް ނޫސްވެެރިންނާ ބައްދަލު ނުކުރެއްވިއްޔާ ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.
ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައި އޮތް އިރު ގާނޫނު ހަދާ މަޖިލީހުގެ ވެރިޔާ ނޫސްވެރިންނަށް އެ ފުރުސަތު ނުދިނުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން އެއްވެސް މީޑިޔާއެއް ބްލެކް ލިސްޓް ނުކުރާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ފެނިގެންދަނީ "ތޭރަ އޮންލައިން"، "ރާއްޖެ އެމްވީ" އަދި "އަދަދު" ނޫސްފަދަ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާ ނޫސްތައް ބްލެކް ލިސްޓްކޮށްގެން އުޅޭ މަންޒަރެވެ.










