މާލެއިން އެންހެނަކު ރަހީނުކުރީ ފުލުހުންނަށް ފިލަން އުޅުނު މީހެއްކަން ހާމަވެއްޖެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ ވަނީ އޭނާ ފިލަން ހަރަކާތްތެރިވި ސަރަހައްދުގައި ހުރި އަންހެނަކު ހިފަހައްޓައިގެން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ސައިލަކަލުން ފިލަން މަސައްކަތްކޮށްފައެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ފަހުން އާންމުވި ވީޑިއޯގައި މި ފިރިހެން މީހާ ވަނީ އަންހެން މީހާ، މާފަންނު ޝާރިއު ވަރުދީގައި ހުރި ގެއަކުން ނެރެގެން ސައިކަލްގައި ކޮންމެވެސް އެހެން ތަނަކަށް ގެންދަން މަސައްކަތްކޮށްފައެވެ.
ނަމަވެސް އެ ސަރަހައްދަށް ޖަމާވެފައި ތިބި ފުލުހުންގެ މަސައްކަތުން އެކަން ނާކާމިޔާބުކޮށްލުމަށް ފަހު ފުލުހުން މިހާރު ވަނީ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ. މި ހާދިސާގައި އަންހެން މީހާއަށްް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ، މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެެއްގެ ރިޕޯޓެއް ލިބިފައިވާ ކަމަށާ އަދި އެކަމުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން އިތުރު ތަފްސީލު ހާމަކުރަމުން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.