
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖުމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތަހުގީގު އަވަސްކުރުމަށް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ބައްދަލުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ، އޭސީސީގެ މެންބަރުންނާއި ފެނަކަ މިހާރުގެ މެނޭޖުމަންޓުން ބައްދަލުކުރި މަންޒަރުގެ ފޮޓޯއާއެކު އޭސީސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ އެ ބައްދަލުވުމުގެ މަގުސަދަކީ ތަހުގީގުތައް އަވަސް ކުރުމުގެ ގޮތުން ބޭނުންވާ ލިޔުންތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުން ކަމަށެވެ.
މީގެ އިތުރުން ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށާއި ފެނަކައިގައި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައިކަމަށްވެސް އޭސީސީގެ ޕޯސްޓުގައި ވެއެވެ.
ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކައަކީ، މިހާރު ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިސަރުކާރުން ނިންމާފައެވެ. އެ ބަދަލު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެސް އޭސީސީގެ މެންބަރުން ވަނީ ފެނަކައިން ބައެއް ލިޔެކިޔުންތަކާއި މައުލޫމާތު ލިބުމުގައި ދަތިކަމެއް އެބަ އުޅޭ ކަމަށެވެ. އެ ދުވަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށެވެ.










