އެމަނިކުފާނަކީ ކަން އޮންނަ ގޮތަށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށާ އެހެންކަމުން އަމިއްލަފުޅު ޒއާމަތުގައި މަގާމަކުން ބޭފުޅަކު ވަކިކުރަން ޖެހުމުން އެކަމުގައި އުނދަގޫވެގެން ނުހުންނަވާނެ ސާބިތުކޮށްދީފައިވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއެވެ.
ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ، އަދުރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން "ސަންގު ޓީވީ" އަށް މިފަހުން ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މިނިސްޓަރުކަމުން މުއިއްޒު ވަކި ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ޔާމީން މަސައްކަތްޕުޅު ކުރެއްވި ކަމަށާ އެކަމަކު އެކަން އެގޮތަށް ނުކުރެއްވުނީ އެކަމާ ދެކޮޅަށް ބައެއް ބޭފުޅުން ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ ހުޅުވުމުގެ ތައްޔާރީތައް ވަމުން އައި ދުވަސްވަރު މިނިސްޓަރުންނާއި ޕާޓީގެ އިސްވެރިން ތިއްބެވި ބައްދަލުވުމެއްގައި ބްރިޖުގެ ލޭނެއް މަދުވުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށް އަދުރޭ ބުނި ބުނުމަށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ވަޒީރުންނާ ކެބިނެޓު ބޭފުޅުންވެސް މަގާމުން ވަކިކުރެއްވުމުގައި ފަހަތަށް ނުޖެހޭ ބޭފުޅެއްކަން އެމަނިކުފާނުގެ ޒައާމަތުގައި ފެނިގެން ގޮސްފައިވާނެ ކަމަށެވެ.
އެހެންކަމުން ވަކި ޑރ. މުހައްމަދު މުއިއްޒަށް ވީތީ މަގާމުން ވަކިކުރައްވަން ޖެހިލުންވެވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށާ އަދި އެމަނިކުފާނު ވިދާޅުވީ، ބުރިޖުން ލޭނެއް މަދުވެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ނަމަ އެ ވަޒީރަކު މަގާމުން ވަކިކޮށް ތަހުގީގުވެސް ހިންގާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު ދައުލަތުގެ މިކަހަލަ ކަންތައްތަކެއް، ވަޒީރުންނާ ދޭތެރޭ ކުރާ ކަންކަން އަބްދުއްރަހީމަކާ މުއާމަލާތެއް ނުކުރަމޭ. ތިން ފަހަރެެއްގެ މަތިން ރައީސް އުޅުނޭ މުއިއްޒު ކަނޑާލަން. ތިމަންނަމެން އެތައް ބަޔަކު ވާހަކަ ދައްކައިގެންނޭ. ދިވެހި ރައްޔިތުން ގަބޫލުކުރާނެ. ތި އަގުބޮޑު ބްރިޖުގައި ލޭނުތަކެއް މަދުވާ ކަމަށްވަންޏާ، އެއީ ވަޒީރަކަށް ހުންނަ މީހަކު މަގާމުން ވަކިކުރުމާ އެކީ އޭނާގެ މައްޗަށް ދައުވާ ވެސް ކުރާނެ މައްސަލައެއް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެހެންކަމުން އަދުރޭ މަސައްކަތްކޮށްފައިވަނީ ރައީސް މުއިއްޒުގެ އަގު ރައްޔިތުން ކުރިމަތީ ވައްޓާލުމަށްކަމަށެވެ.