2013-2018 ގައި ދައުލަތް ހިންގުމުގެ ކަންކަން އަބްދުއްރަހީމް އަކާ ހިއްސާކޮށްފައި ނުވާނެ ކަމަށާއި އޭނާ ހެދީ ބުހުތާނު ދޮގެއް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ދާދިފަހުން އަދުރޭ ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ދައުލަތް ހިންގުމުގެ ކަންކަން އޭނާއާ މަޝްވަރާކުރި ކަމަށް ބުނެ އެ މޭރަމުން ވާހަކަ ދައްކަވާފައެވެ.
އަދުރޭގެ އެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެފަދަ އެއްވެސް ވާހަކައެއް އަދުރޭއާ ހިއްސާކުރަން ނުޖެހޭކަމަށެވެ.
އަބްދުއްރަހީމް ހުންނެވީ އެމަނިކުފާނުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ނޫންކަމަށާއި އަދުރޭ ހުންނެވީ ޕާޓީގެ މަސައްކަތުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ދައުލަތް ހިންގުވުމުގައި ވަރަށް ގިނަކަންކަން ހިއްސާކުރިކަމަށް ދައްކަވާ ވާހަކަ މިއީ ބުހުތާނު ދޮގު އިނގޭތޯ. އަޅުގަނޑު ނުޖެހެ އެކަހަލަ ވާހަކަ އަބްދުއްރަހީމަކާ ހިއްސާކުރާކަށް
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފެނިގެންދަނީ އަދުރޭ އެކި ފަހަރު އެކި ކަހަލަ ވާހަކަތައް ދައްކަވަމުން ގެންދާ މަންޒަރު ކަމަށެވެ.
އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދުރޭ ދަނީ ޅަ ނޫސްވެރިންގެ އަތުން ބޭނިގެން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.