ބަންގްލަދޭޝްގައި އިންޓާންޝިޕު ހަދަމުން ދާ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފިއެވެ.
ހަމަލާދީފައިވަނީ ޗިޓަގޮންގައިި ހުންނަ މެޑިކަލް ކޮލެޖުގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދާ ދިވެހި ދެ ޑޮކްޓަރަކަށްކަން ވަނީ ހާމަވެފައެވެ.
މިކަން ފުރަޔަމަ ހާވީ ޝަހަލަރް ޝާފީ ނަމަކަށް ކިޔާ މީހަކު ފޭސްބުކް ގައި ކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ދެ ޑޮކްޓަރުންނަށް ހަމަލާދީފައިވަނީ އެ ހޮސްޕިޓަލަށް ފަރުވާހޯދަން ދިޔަ ޕޭޝަންޓެއްގެ އާއިލާ މީހެއް ކަމަށެވެ. އަދި އެ މައްސަލަ ހިންދާލަން އެތަނުގައި އެވަގުތު ތިބި ސީނިއާ ޑޮކްޓަރުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ކޮލެޖްގެ ޑިރެކްޓަރާ ހަމަޔަށް މައްސަލަ ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ ޑޮކްޓަރުން ހަމަލާދީފައިވަނީ ހާޓްއެޓޭކެެއް ޖެހިގެން ގެންގޮސް ފަރުވާ ދެމުން ދިޔަ މީހެއްގެ ގަޔަަށް ނުބައި އިންޖެކްޝަނެއް ޖަހާ މަރާލިކަމަށް ތުހުމަތުކޮށްކަމަށްވެއެވެ.
މިކަން ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިހާރު ބަލަމުން ގެންދާއިރު މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރުވެސް ވަނި ބަންގްލަދޭޝްގައި މެޑިސިން ހަދަމުންދާ ދެ ދިވެހި ޑޮކަޓަރަކަށް ހަމަލާދިފައިވާ ޔަގީންކޮށްދެއްވާފައެވެ. އަދި ފޭސްބުކް ޕޯސްޓުގައި ބުނެފައިވާ ފަދައިން ހިތްހަމަ ނުޖެހިފައިވަނީ ބަލިމީހާއަށް ދިން ފަރުވާއާ ގުޅިގެންނެވެ.
ޕޭޝަންޓަކަށް ހޮސްޕިޓަލުން ދިން ފަރުވާއާ ދޭތެރޭގައި ހިތްހަމަނުޖެހިގެން ރުޅިގަދަވެގެން އެ ރުޅި ބޭލި ވަގުތު ޑިއުޓީގައި ތިބީ ދިވެހި ދެ ޑޮކްޓަރުންކަމަށް ވުމުން އެ ހަމަލާތައް އެޑޮކްޓަރުންނަށް ދިނީ ކަމަށް ވެސް ނަޒީރު ވިދާޅުވެފައިވެއެވެ.
އެ ދެ ޑޮކްޓަރުންގެ ރަަހުމަތްތެރިންނާ ހަވާލާދީ ނަޒީރު ވިދާޅުވީ ހަމަލާގެ ސަބަބުން ދެ ޑޮކްޓަރުންނަށް ވެސް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް ހަޔާ އެޑިއުކޭޝަނުން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބަލައި، ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ނަޒީރު ވިދާޅުވީ އެކަމާ ގުޅިގެން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ކިޔަވާ އިތުރު ދަރިވަރުންނަށް ގުޅައި ހާލު ބަލެމުން، އެއްވެސް ކަމެއް އެހެން ތަނެއްގައި ދިމާނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަޒީރު ވިދާޅުވީ ދެ ޑޮކްޓަރުންނަށް ހަމަލާދިން މައްސަލަ ފޮރިން މިނިސްޓްރީއާ ގުޅިގެން ވަރަށް ގާތުން ހަޔާ އެޑިއުކޭޝަނުން ބަލަމުންދާނެ ކަމަށެވެ.
ދެ ޑޮކްޓަރުން ގައިގައި ތަޅާ މާރާމާރީ ހިންގާފައިވަނީ ހާޓް އެޓޭކެއް ޖެހުނު މީހަކަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލި ކަމަށް ބުނެކަމަށް ވީ ނަމަވެސް އެ ޑޮކްޓަރުންގެ ޑިއުޓީ ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް ޖަހާފައިނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.