

ސްޓޫޑެންޓް ލޯނުގައި ރާއްޖެއިންބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ދޭނެ ޖަވާބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހައިދަރު ހާޒިރު ކުރީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދޭން ދެކޮޅު ހެއްދެވީ އެއީ މައުލޫއާ ގުޅޭ ސުވާލަކަށް ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސުވާލު، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އާއި ވެސް ތަކުރާރު ކުރައްވާ ޖަވާބަކަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގަތެވެ. ނަމަވެސް ވިދާޅުވީ "ޖަވާބެއް" ނެތް ކަމަށެވެ.
އިއްޒަތްތެރި މެންބަރު އެ ކުރެއްވި ސުވާލަކީ މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ކަމަށް ނުވާތީ އަޅުގަނޑު އުޒުރުވެރިވަން ޖަވާބެއް ދޭން އިނގޭތޯ
އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ކުޑޫ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ގިނަ އަދަދެއްގެ ކިޔަވާކުދިންނަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ދިމާވާކަމީ ކަންބޮޑުވުމެއް ކަމަށެވެ. އެކަމަށް "މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން" ޖަވާބު ނުދެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކުޑޫ ވިދާޅުވި އެވެ.
ދަރިވަރުންގެ ލޯން ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ. ހާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ.
ސްޓޫޑަންޓް ލޯނުގެ 500 ފުރުސަތު ސަރުކާރުން ހުޅުވައިލީ މާޗް، 2025، ގަ އެވެ. އޭޕްރީލް މަހުގެ ނިޔަލަށް 1300 ދަރިވަރުން ލޯނަށް ކުރިމަތިލި އެވެ. ނަމަވެސް ސްޓޫޑަންޓް ލޯނު ލިބޭ ދަރިވަރުން އަދި ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ހަޔާ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 157 ދަރިވަރަކަށް 157 މިލިއަން ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން، ލޯނު ނަގައިގެން މިވަގުތު ވެސް 1653 ދަރިވަރުން ކިޔަވަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.