ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް 82 ދުވަސް ވެފައިވާއިރު، އިސްތިއުފާދީފައި ތިބި މީހުން މަގާމުން ވަކިކުރަން ދައުރުން ބޭރުން ޖަލްސާ ބާއްވާއިރު ޕިއެންސީގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ޕާސްޕޯޓު މަނާނުކޮށް ދިގު ދަންމަމުން ގެންދާކަން ހާމަވެއްޖެއެވެ.
ސަޙްޔޫނީންގެ ޕާސްޕޯޓު މަނާކޮށް އެމީހުންނަށް ރާއްޖެ އެތެރެ ވިޔަ ނުދިނުމަށް ގޮވާލާ ދިވެހި ރައްޔިތުން ރައީސް އޮފީސް ދޮށަށް އެއްވުމުން، މިއީ ދިވެހިންގެ އަޑު އެންމެ ގާތުން އެންމެ އަވަހަށް އަޑު އަހާ ސަރުކާރުގެ ގޮތުގައި ދެއްކުމަށް ހަމަ އެދުވަހު ކެބިނެޓުގައި އެކަމާ މަސްވަރާކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އަދި އެމައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
އޭގެ ފަހުން ވެސް މިހާރު 82 ދުވަސް ފާއިތުވެފައިވާއިރު އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ވެރިކަން ކުރާ ޕީއެންސީގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ގޮތެއް ނިންމާފައިނުވެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ކުރި ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހުން ފޮނުވި ފޮނުވުމަކީ މިސަރުކާރުން ކުރިކަމެއް ކަމަށް ދެއްކުމަށް މި ސަރުކާރުން ވަނީ އެ ބިލަށް އުނި އިތުރު ގެނެސް އަލުން 20 ވަނަ މަޖިލީހަށް މިސަރުކާރުގެ ބިލެއްގެ ގޮތުގައި ފޮނުވާފައެވެ.
އޭގެ ފަހުން މިހާރު 82 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އެ ބިލު އެހެން ކޮމިޓީގައި ޕާކުކޮށްފައި ބޭއްވުމަށްފަހު ސަރުކާރުން ވަނީ އެހެން ބިލުތައް އަވަސް މިނުގައި ފާސްކޮށް ނިންމާލާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ބިލުވެސް އެއް ދުވަހުން ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމާފައިވެއެވެ.
ނަމަވެސް، އަބަދުވެސް ތިމަންނާމެން ދެމި ތިބޭނީ ފަލަސްތީނާއެކު ކަމަށް ބުނާ މި ސަރުކާރުން އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރާ ބިލުގައި އަތްވެސް ޖައްސާނުލައެވެ.
މަޖިލިސް ކޮމިޓީ މަރުހަލާގައި އެ ބިލު އޮންނަތާ 80 އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު ސަރުކާރުން ވަނީ ބޭރު ދުނިޔެއަށް އެކަމުގެ ހަގީގަތްވެސް އޮޅުވާލާ، ރައީސް މުހައްމަދު މުއިއްޒު ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކޮށްފައިކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެ ޕާސްޕޯޓު މަނާނުކުރާއިރު ސަހްޔޫނީން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ މިންވަރު އެމަނިކުފާނުގެ ދައުރުގެ މިހާ ހިސާބަށް އައިއިރު ވަނީ އިތުރުވެފައެވެ.
އެންމެ ފުރަތަމަ ދީނޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އިސްލާމްދީނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފަހަތު ފަޔަސް ބުރަވަމުން ކަން ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
އެގޮތުން އެމްޑީއެންގެ މައްސަލަވެސް ނުބަލާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުރެވޭނެ ކަމަކަށްވާއިރު އެ މަގު ޚިޔާރުނުކުރައްވާ ރައީސް މުއިއްޒު އަލުން އެ މައްސަލަ މަޖިލީހާ ޖާމިނުކުރެއްވީ ވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރައްވަން "ދިގު" މަގު ޚިޔާރުކުރައްވަންކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.