ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
މިދިޔަ ޖުލައި މަހު ހިނގި މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރި އެވެ. އޭގެތެރެއިން ކާރު ދުއްވަންއިން އިބްރާހިމް އިކްރާމް ހައްޔަރު ކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް އެރޭގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރި އެވެ.
އިކްރާމްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ބުނެފައިވަނީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ވަކީލަކު އައްޔަނު ވެފައިވަނިކޮށް ވަކީލަށް ބަންދުގެ މަޖިލިސް ހިނގި ވަގުތު އެންގުމަކާ ނުލައި ކަމަށާއި ވަކީލެއްގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި އެ އަމުރު ބާތިލުކޮށްދިނުމަށް އެދިފައިވެ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށެވެ. އެގޮތުން އިކްރާމްއަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައިވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެކަން ހައި ކޯޓުން ފާހަގަކުރި އެވެ.
މީގެ އިތުރުން ހައި ކޯޓުގައި ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށްވެސް ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން ހައި ކޯޓުގައި ބުނެފައިވަނީ ވަކީލަކު އައްޔަނު ކުރުމާއި ގުޅޭގޮތުން ދަށު ކޯޓުގެ ފަނޑިޔާރުން ސުވާލު ކުރިކަމަށެވެ. ހައި ކޯޓުން ބެލި ބެލުމުން މިފަދަ އެއްވެސް ވާހަކައެއް ދަށު ކޯޓުގައި ދެކެވިފައި ނުވާކަމަށް ޝަރީއަތުގައި މިއަދު ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދަށު ކޯޓުގެ ބަންދުގެ އަމުރު ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.