ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، 2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އަނިޔާ ލިބުނު ފަރާތްތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދެއެވެ. އަދި އާދަމް އަޠުހަރަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތްވެސް ބަލަމުންދާ ކަމަށް ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، 2024 ސެޕްޓެމްބަރު 1 ވަނަ ދުވަހު އާދަމް އަޠުހަރު އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާ ގުޅޭ މައުލޫމާތު ފުލުހުން ކޮމިޝަނަށް އެންގި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ، މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް މި މައްސަލަވެސް ބަލަމުންދާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އާދަމް އަޠުހަރު މަރުވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ މަރުވި މައްސަލައިގައި ކަން ހިނގާދިޔަ ގޮތްވެސް ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.