

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢުއެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ވަނަ ފަހަރަށް ވިދާޅުވި ތާރީހަށް ވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިންމޭނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ހާމަވެެއްޖެ އެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފުށިދިއްގަރުފަޅަށް "ރަސްމާލެ" ގެ ނަމުން ނަންދީފައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ސަރަހައްދު ހިއްކަން ފެއްޓެވިއެވެ.
އެ ދުވަހު އެ މަޝްރޫއު ރަސްމީގޮތުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ 8 މަސް ދުވަސް ތެރޭ ހިއްކާ ނިންމަވާނެ ކަމަށެވެ.
އެޔަށްފަހު ދެން އަނެއްކާ އަޑުއިވިގެން ދިޔައީ ރަސްމާލެ ހިއްކުން މަޑުޖެހިފައިވާ ވާހަކައެވެ. މިކަން މިގޮތައް އޮއްވާ އަނެއްކާވެސް ރަސްމާލެ ހިއްކަން ފައްޓަވާނެ ކަމަށް 23 ޖޫންގައި ޕީއެންސީ ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ދެވަނަ ފަހަރަށް ދެއްވި އަށް މަހުގެ މުއްދަތު ހަމަވާނީ މާޗު 26، 2025 އަށެވެ.
މިހާރު ހަމައެކަނި ސައިޓު ޖޭގެ 29 ހެކްޓަރަށް ފަސް އަޅައި ހިއްކާފައިވާއިރު، އިތުރު ހަތް ސައިޓެއްގެ އެންވަޔަރަމަންޓު އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ހަދައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކުރީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.
އީއައިއޭ ރިޕޯޓުގައި މަޝްރޫއު ކުރިއަށް ގެންދާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ އާ ހަތް ސައިޓުގައި ހިމެނޭ ޖުމްލަ 256 ހެކްޓަރު ހިއްކަން ޖުމްލަ 18 މަސް ނުވަތަ ދޮޅު އަހަރު ހޭދަވާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނެ އެންމެ އަވަސް ތާރީހަކީ މާޗު 3، 2026 އެވެ.
ރަސްމާލޭގެ ޕްލޭންގައިވާ ގޮތުން އެ ފަޅުން 1150 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިންމަން ކަނޑައަޅާފައިވެ އެވެ.
އީއައިއޭގައި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އާ ސައިޓުތައް ހިއްކުމުގެ މަސައްކަތް މިދިޔަ މަހު ފަށަން ޖެހޭނެ އެވެ. ނަމަވެސް އެ މަސައްކަތް ނުފަށަ އެވެ. ހޯމަ ދުވަހުގެ ސެޓްލައިޓު ފޮޓޯއިން ވެސް ފެންނަ ގޮތުގައި ފުށިދިއްގަރުފަޅުގެ އާ ސައިޓުތައް ހިއްކުމުގެ މަސައްކަތް ފެށިފައިނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ރަސްމާލެ ސިފަކުރާއިރު ގިނަ ބަޔަކު އަންނަނީ މި މަޝްރޫއު އަކީ ރައީސް މުއިއްޒުގެ ހިޔާލީ ފޮލާއެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔަމުންނެވެ.