ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަޅާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އިކޮނިމިކް ކައުންސިލުން ނިންމެވި ގޮތައް ކަމަށް ވިދާޅުވެ، "ބްރިޖް" އަޅާފައި ވަނީ އަދީބު ކަމަށް ދައުވާކޮށް އެ މޭރަމުން ވާހަކަ ދެއްކުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މިވަނީ އަމާޒުވެފައެވެ.
ސޯޝަލް މީޑިއާއަށް ހިއްސާކުރި ވީޑިއޯއެއްގައި އަދީބު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކޮށްފައި ވަނީ އިކޮނޮމިކް ކައުންސިލްގައި އޭނާ އިނދެ ނިންމެވި ގޮތަކަށްކަމަށެވެ.
އެ ވީޑިޔޯގައި އަދީބު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު "ސިނަމާލެ" ބްރިޖްގެ ކްރެޑިޓް ނަންގަވާފައެވެ. އަދި އޭގެއިތުރުން އަދީބް ވަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.
އަދީބްގެ އެ ވީޑިޔޯ މީސްމީޑިޔާގައި ދައުރުވަމުން ދިޔުމާއެކު ތޭރަ އޮންލައިން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީ ޑރ މުހައްމަދު ޖަމީލް އަހުމަދު މިކަމާ ދެކިވަޑައިގެންނަވާ ގޮތެއް އެހުމުން އެމަނިކުފާނު ވިދާޅުވީ އަދީބަކީ "ފާސިގް" އަދި "އަދާވާތްތެރިއެއް" ކަމަށް ސުޕްރީމް ކޯޓުގެ ވޮޑަމުއްލާ މައްސަލައިން ހާމަވާނެކަމަށެވެ.
އަދި ނިމިދިޔަ ފަސް އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން "ހަރާން ހުކުމް" ގޮވީ އަދީބު ޝަރީއަތުގައި ދީފައިވާ "ދޮގު" ހެކިބަހުން ރައީސް ޔާމީން 5 އަހަރު ވަރު ޖަލުގައި ހޭދަކުރަން ޖެހުމުންކަމަށް ވިދާޅުވެ އަދީބަކީ މިއަދު ރައީސް ޔާމީންގެ ބުރަ މަސައްކަތުގެ ކްރެޑިޓް ނަންގަވަން ކާކުތޯ އައްސަވާ ޑރ ޖަމީލް ވަނީ އަދީބު އެ ވީޑިޔޯގައި ދައްކަވާފައި ހުރި އެތައް ވާހަކަތަކަކަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެމްއެމްޕީއާރްސީގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށް އަދީބު ވިދާޅުވި އިރު މިއީ އޭގާއި އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫންކަން އެންމެނަށް ވެސް އެނގޭނެއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ވަގުންނަކީ އެ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކް އަބްދުﷲ ޒިޔަތާއި އަދީބެވެ.
އަދީބު މިއަދު ވީޑިޔޯތައްކޮށްގެން މޮޅެތި ވާހަކަތައް ދައްކަމުން ގެންދާއިރު އަދީބަކީ 2015 ވަނަ އަހަރު "ފިނިފެންމާ" ލޯންޗްގައި ބޮމެއް ގޮއްވާ ރައީސް ޔާމީންގެ ދެކަނބަލުން އަވަހާރަކޮށްލަން މަސައްކަތް ކުރި ޓެރަރިސްޓެއްކަން މި ކުޑަ ކުޑަ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް އެނގެއެވެ. މި މައްސަލައިގައި އަދިވެސް އަދީބަށް ދައުވާ ކުރެވޭނެއެވެ. ދާދިފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގެން އަދީބާ ބައްދަލު ކުރި ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. މި ބައްދަލުވުމުގެ ސިއްރަކީ އަދީބް ލައްވާ ރައީސް ޔާމީނާ ދެކޮޅަށް ބަދު ބަސްބުނެ ބިރު ދައްކައިގެން އޭނާއަށް ދައުވާ ނުކޮށް ނިންމާލުން ނޫންކަމެއް ވެސް ނޭނގެއެވެ.
ކިތަންމެ އަޑަށް ބާރުލައިފަ ބްރިޖު އެޅި ތިމަންނާމެންނޭ ބުންޏަސް، އެ ވާހަކަޔަކީ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ވާހަކަތަކެއް ނޫނެވެ. ސިނަމާލެ ބްރިޖް އެޅުއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެއީ ބަދަލުވާނެ ހަގީގަތެއް ނޫނެވެ.