
ރައީސް އަބްދުﷲ ޔާމީންގެ އަގުވެއްޓޭ ފަދަ ފިތުނަވެރި ޕޯސްޓްތައް ކުރުން، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ކުށްވެރިކޮށްފިއެވެ.
ޕީއެންއެފްގެ ފަރާތުން މިކަން ކުށްވެރިކޮށްފައިވަނީ އެ ޕާީޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން "އެކްސް"ގައި ހިންގަމުންދާ "ޕެރޮޑީ" އެކައުންޓުގެ ސްކްރީން ޝޮޓަކާ އެކު މަލީހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެ އެކްސް ހޭންޑްއަކީ ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނެތް، އެމަނިކުފާނުގެ ނަންފުޅުގައި ބަޔަކު ހިންގާ ޕެރޮޑީ ހެންޑްލްއެއްކަން އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަަމަށެވެ.
މީގެ އިތުރުން އެ ހޭންޑްލްއިންރައީސް ޔާމީންގެ އަގުވެއްޓޭފަދަ ފިތުނަވެރި ޕޯސްޓްތައް ކުރުން ކުށްވެރިކުރާ ކަމަށްވެސް ވަނީ ޕޯސްޓުގައި ހާމަކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ އެކައުންޓަކީ އެމަނިކުފާނުގެ ނަންފުޅުގައި ހިންގަމުންދާ ޖަރީމާއެއް ކަން "ތޭރަ އޮންލައިން"އަށް ޔަގީން ކޮށްދެއްވާފައެވެ. އަދި ވިދާޅުވެފައިވަނީ އެމަނިކުފާނު "އެކްސް"ގައި ޕޯސްޓުކުރުން ދެ އަހަރެއް ހާ ދުވަސްކުރިން ހުއްޓާލައްވާފައިވާ ކަމަށެވެ.
ރައީސް ޔާމީން އެންމެ ފަހުން "އެކްސް"ގައި ޕޯސްޓެއް ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. އޭގެ ދެ މަހެއްހާ ފަހުން އެމަނިކުފާނަށް ނުހައްގު ހުކުމެއްކޮށް އެމަނިކުފާނު ޖަލަށް ލުމާއެކު މީސް މީޑިޔާގެ ހުރިހާ މަންސަތަކެއް ބޭނުންކުރުން އެމަނިކުފާނު ވަނީ ހުއްޓާލައްވާފައެވެ.
ރައީސް ޔާމީންގެ ނަންފުޅުގައި ހިންގަމުންދާ އެކްސް އެކައުންޓުގައި އެމަނިކުފާނުގެ ފުރިހަމަ ނަންފުޅާ އެކު (Parody) މިހެން ލިޔެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ އަސްލު އެކައުންޓުގައި އިންނަނީ ނަންފުޅު އެކަނިކަން ފާހަގަކޮށްލެވެއެވެ.










