ވަޅި ޖަހައި މަރާލާނެ ކަމަށް ބުނެ އަންހެނަކަށް އިންޒާރު ދިން ފިރިހެން ފުލުހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ފެމިލީ އެންޑު ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުން ކަމަށެވެ.
އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.
އިންޒާރު ދިން ކަމަށް ބުނާ މީހާގެ އޯޑިއޯ މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ އޯޑިއޯއިން ހުތުރު އެއްޗެހި ކިޔާ ވަޅި ޖަހާނެ ކަމަށާއި ދިރިއުޅުން ހަލާކުކޮށްލާނެކަމަށް ބުނެ އެ ފިރިހެން މީހާ އިންޒާރުދެއެވެ.
އިންޒާރު ލިބުނުު އަންހެން މީހާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ތަހައްމަލު ކުރަމުން ދަނީ ނަފުސާނީ ބިރުވެރިކަމެއް ކަމަށާއި އޯޑިއޯއިން އަޑު އިވޭ ފުލުސް މީހާގެ ފުށުން މަރުގެ ހަމަލާއެއް ވެސް ލިބިފައިވާ ކަމަށެވެ.
އަންހެން މީހާއަށް ބިރުދެއްކި ފުލުސް މީހާއަކީ ކާކު ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.