ވަޅި ޖަހައި މަރާލާނެ ކަމަށް ބުނެ އަންހެނަކަށް އިންޒާރު ދިން ފިރިހެން ފުލުހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކުރި ނަމަވެސް މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްކަން އެނގިއްޖެ އެވެ.
"ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން އެ އަންހެން މީހާ ބުނީ އެ ފިރިހެން ފުލުހަކީ އޭނާ ލޯބީގެ ގޮތުން ގުޅިފައިވާ މީހެއްކަމަށެވެ. އަދި އޭރު އޭނާއާއެއްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް ކިތަންމެ ފަހަރަކު އަންހެން މީހާއަށް އަނިޔާކޮށް މަރާލާނެކަމަށް ބުނެފައިވާ ކަމަށް ވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.
"ޝީތަލް" ނަމަކަށް ކިޔާ އަންހެން މީހާ ވަނީ މި ހާދިސާ އޭނާގެ ފޭސްބުކް އެކައުންޓްގައި ވެސް ޕޯސްޓެއްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.
ޝީތަލް އިތުރަށް ބުނީ އޭނާ ފުލުހުންގެ ހިދުމަތައް މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ މިއަހަރުގެ ކުރީކޮޅު، ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރި ނަމަވެސް އެ ފުލުސް މީހާ މަގާމުން ސަސްޕެންޑް ކޮށްފައި ނުވާކަމަށާއި އޭގެ ފަހުން އޭނާ ވަޒީފާއަށް ނިކުންނަނީ ކުލަ ހެދުމުގައި ކަމަށްވެސް ޝީތަލް ބުންޏެވެ. މަރުގެ އިންޒާރު ދީފައިވާ މި ފުލުސް މީހާއަކީ "މުޖުތަމައު" އަށް ހުރި ނުރައްކަލަކަށް ވާއިރު އޭނާ އަދިވެސް ފުލުހުންގެ ހިދުމަތުގައި ބަހައްޓާތީ ޝީތަލް ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށްފަހު ދައުވާކުރުމަށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ޝީތަލްއަށް މިކަމުގައި ގުޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ޕީޖީން ވަނީ އެ ފުލުސް މީހާގެ ފަރާތުން ކުރިޔަށް އޮތް 2 އަހަރު ތެރޭ ޝީތަލްއަށް އުނދަގުލެއްވެއްޖެ ނަމަ ކޯޓަށް މައްސަލަ ފޮނުވައިގެން ކުރިޔަށް ގެންދާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ރަސްމީ އެއްވެސް ލިޔުމެއް ޕީޖީން ދީފައި ނުވާތީ ރަސްމީ ލިޔުމެއް ދެއްވުމަށް ޝީތަލް ވަނީ ޕީޖީގައި އެދިފައެވެ.
އޭނާ ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ބޭނުންވަނީ އިންސާފުކަމަށް ވެސް ޝީތަލް ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ފެމިލީ އެންޑު ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުން ކަމަށެވެ.
އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.