ހުޅުމާލެ ވިލާ ޕެޓްރޯލް ޝެޑް ކުރިމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މީޑިޔާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިރޭ ހުޅުމާލޭ ހައިވޭ ކައިރީ އިންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއީ މިއަދު ހުޅުމާލޭގައި ހިނގި ދެވަނަ އެކްސިޑެންޓެވެ. މިއަދު ހެނދުނު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާރަކާ ސައިކަލަކާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
އަދި ހުކުރު ދުވަހުވެސް ހުޅުމާލޭގައި ކާރަކާ ސައިކަލެއެް ޖެހި ޒުވާނަކު ވަނީ ނިޔާވެފައެވެ.