އަންހެނަކު ރަހީނުކޮށް ޓެރަރިސްޓު އަމަލެއް ހިންގި އާދަމް އަތުހަރު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން މަރުވާން މަސައްކަތްކުރުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުންސަނިކޮށް މަރުވުމުން އޭގެ ސަބަބު އިތުރަށް ދެނެގަތުމަށްޓަކައި އޭނާގެ ޕޯސްޠު ހަދައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަށިގަޑު އިންޑިއާއަށް ގެންގޮސް މިހާރު ޕޯސްޓު މޯޓަމް ހަދާފައިވާ ކަމަށާ އަތުހަރުގެ ހަށިގަޑު މިރޭ މާލެ ގެނެސް ވަޅުލާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު އިރުއޮއްސޭއިރު އަތުހަރުގެ ހަށިގަޑު ރާއްޖެ ގެންނާނެއެވެ. އަދި އޭނާ ވަޅުލާނީ މިރޭ 10:00 ޖަހާއިރު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމީ އާއިލާއިން އެކަން ނުކުރަން އެދިފައި އޮއްވައެވެ. ޕޯސްޓްމޯޓަމް ހަދަން ނިންމީ، ޖަލުގައި ހިނގާ ކަމަކުން މަރުވާ ކޮންމެ މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ގާނޫނުގައި މިހާރު އޮންނަ އުސޫލުގެ ތެރެއިންކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ ފަހެއް ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހުއެވެ.
އަތުހަރު މަރުވީ ފުލުހުންގެ ބަންދުގައި ދޫނިދޫ ގޮޅީގައި ހުއްޓަ އެވެ. އޭނާ ހައްޔަރު ކުރީ ބާރުގެ ބޭނުންކޮށްގެން ކަމުން އޭނާ މަރުވީ ފުލުހުންގެ އަނިޔާގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ފުރަތަމަ ސުވާލު އުފެއްދި އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ އާއިލާ އާއި ނޫސްވެރީންނަށް އަތުހަރު ދަންޖެހުނު މަންޒަރު ފެންނަ ވީޑިއޯ ދައްކާފަ އެވެ. ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ.
ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ.
ދަންޖެހެން މަސައްކަތް ކުރީ 6:34 ގައި
ފުލުހުންގެ ސަމާލު ކަމަށް އައީ 7:02 ގައި
އޭރު 28 މިނެޓް ހޭދަވެއްޖެ
އަތްހަރުގެ އެއްވެސް ހަބަރެއް އޭރު ނެތް
ދަންޖެހުނުތާ ދެތީން ހަތަރު މިނެޓްތެރޭ އަހްތަރުގެ ހަބަރު ހުސްވެއްޖެ
ތިން ފުލުހުން އައިސް އަތުހަރު ބިންމަތީ ބޭއްވި
ސްޓްރެޗާ ގައި ގޮޅީން ނެރުނީ 7:05 ގައި
ވީޑިއޯ އިން ފުލުހުންގެ ފަރާތުން އަނިޔާވެރި އެއްވެސް އަމަލެއް ނުފެނެ އެވެ. ނަމަވެސް އެ ހާދިސާ ހިނގުމަށް ފަހު އެތަނަށް ފުލުހުން އެޓެންޑް ވުމަށް ގިނަ އިރުތަކެއް ހޭދަވުން ފާހަގަވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އެތެރޭގެ ތަހުގީގެއްގެ ގޮތުގައި ބަލަމުންނެވެ. އަދި އެޗްއާރުސީއެމާއި އެންއައިސީން ވެސް ދަނީ ވަކިން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.