ޓްރެފިކް ޤަވާޢިދުތަކަށް ތަބާވެ، ދުވެލި މަޑުކޮށް ރައްކާތެރިވުމަށް އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ދިވެހި ޒުވާނުންނަށް ގޮވާލައްވައިފިއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމު ވަނީ އެކްސިޑެންޓްތަކުގައި ޒުވާނުން މަރުވަމުންދާކަމީ ހިތާމަވެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާ، ފުރާނައަކީ ވަރަށް އަގުހުރި އެއްޗެއްކަން ހަނދާންކޮށް ދެއްވާފައެވެ.
ފުރާނައަކީ ވަރަށް އަގުހުރި އެއްޗެއް. ޓްރެފިކް ޤަވާޢިދުތަކަށް ތަބާވެ، ދުވެލި މަޑުކޮށް ރައްކާތެރިވާންޖެހޭ. އެކްސިޑެންޓް ތަކުގައި ޒުވާނުން މަރުވަމުންދާކަމީ ހިތާމަވެރިކަމެއް. މައިންބަފައިންނާއި އާއިލާއަށް ލިބޭ ހިތާމައެއް. މިކަމާ ޒުވާނުން ވިސްނަންވާނެ. ގުނަވަންތަކަކީ ނިއުމަތެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 8, 2024
މީގެ އިތުރުން ގިނަ ޒުވާނުން ޅަ އުމުރުގައި ނިޔާވަމުން ދިއުމަކީ މައިންބަފައިންނާއި އާއިލާއަށް ލިބޭ ހިތާމައެއްކަމަށާ މިކަމާ ޒުވާނުން ވިސްނަންވާނެކަމަށްވެސް ޑރ. ޝަހީމު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ސިއްހަތު ރަގަޅު ގުނަވަންތަކެއް ލިބިފައިބުމަކީ ދުނިޔެ މަތީގައި ނިއުމަތެއްކަން ދަންނަން ޖެހޭ ކަމަށްވެސް ޑރ. ޝަހީމު ވަނީ ވިދާޅުވެގައެވެ.
އެހެންކަމުން ޓްރެފިކް ޤަވާޢިދުތަކަށް ތަބާވެ، ދުވެލި މަޑުކޮށް ރައްކާތެރިވުމަށް ޒުވާނުންނަށް އިސްލާމިކު މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ޑރ. ޝަހީމު މިފަދަ ޕޯސްޓެއް ކުރައްވާފައިވަނީ މާލެ ސަރަހައްދުގައި ގިނަ އެކްސިޑެންޓުތަކެއް ހިނގަ ޒުވާން ކުދިން ދުނިޔެ ދޫކުރަމުން ދާ ދަނޑިވަޅެއްގައެވެ. ގިނަ ފަހަރު މިފަދަ އެކްސިޑެންޓުތަކުގެ ސަބަބަކަށްވެފައި ވަނީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމެވެ.
އެގޮތުން ހުކުރު ދުވަހާ މިއަދު ވެސް ވަނީ އެފަދަ އެކްސިޑެންޓުތަކެއްގައި ދެ ޒުވާނަކު ނިޔާވެފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެއެވެ.