ސަރުކާރުން ކުރިއަށް ގެންދަން ނިންމައިފައިވާ މަޝްރޫޢުތައް އަބަދުވެސް "އަންނަނީ އަންނަނީ" ކަމަށާއި، ރައްޔިތުން އެދެނީ މަޝްރޫޢުތައް ނިމެން ކަމަށް ބުނެ އޭރު މަލާމާތް ކުރި މީހުންގެ ސަރުކާރުގައި މިއަދު ކަން އޮތީ ކޮން ހާލެއްގައި ތޯ މިއީ ބަލާލުން މުހިއްމުކަމެއް ކަމުގައި ދެކި މި ރިޕޯޓު ފަައިގަންނަމެވެ.
އާދޭހެވެ. އޭރު އެންމެ ބާރަށް ހަޅޭއްލެވީ މަޝްރޫއުތަކުގެ ލަސް ކަމާ ބޯހިޔާވަހިކަމާ ގެދޮއުވެރިކަން ކަށަވަރުކޮށްނުދީ ލަސްކުރާތީއެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަދުގެ ވެރިން އޭރު ފާހަގަކުރީ ރައްޔިތުންނަށް ލިބިފައި ހުރި ބޯހިޔާވަހިކަމަށް ފައިން އަރާ ފިއްތައިގެން ތިބުމެވެ.
މާލެ އަކީ ބިން ކުޑަ ޖާގައިގެ ގޮތުން ދަތި ތަނަކަށް ވެފައި ބޮޑެތި އާއިލާތައް އެއް ތަނެއްގައި ދިރިއުޅެމުންދާތީ އިޖްތިމާއީ ގޮތުން ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމަށާ އެހެންކަމުން ރައީސް އަބްދުﷲ ޔާމީން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދެއްވި "ޓޯޓަލް ސޮލިއުޝަން" ކަމަށްވާ "ހިޔާ" މަޝްރޫއުގެ ފްލެޓުތައް އަވަހަށް ހަވާލުކުރުމަށް ގޮވަމުން ދިޔަ ގޮވުން އަދިވެސް އަޅުގަޑުމެންގެ ކަންފަތުގެ ތޫރީގައި ހަރުލާފައި އެބަ ހުއްޓެވެ. ބަޔަކު ފަހަރެއްގައި ހަނދާން ނެތުނަސް މެއެވެ.
އެ ގޮވެލި ފަތި ގޮވި މީހުން މިއަދު ކަންކުރަމުން ދަނީ އެންމެ އިންސާފުވެރިކޮށްތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ.
ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން "ބިންވެރިޔާ" އާ "ގެދޮރުވެރިޔާ" ސްކީމުގެ ނަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުއިން ގޯއްޗާ ފްލެޓު ލިބުނު މީހުންގެ ފްލެޓާ ގޯތި ނުދީ މި ދަނީ ލަސްކުރަމުންނެވެ.
ކުރިން ބުނީ ކަނޑުން ދީފައި އޮތަސް ފަޅުން ދީފައި އޮތަސް ގޯތި އަތުނުލާނެ ކަމަށެވެ. ނަމަވެސް މިހާރު ބުނަމުން މިދަނީ ކަނޑު ފަޅުން ގޯތި ނުދެވޭނެ ކަމަށެވެ. ތިމަ ތިމާމެންގެ ގާބިލުކަން ނެތުމުން ބިން ހިއްކާ އެތަންތަން ނުދެވުމަކީ އޭގެ ހައްގުވެރިންގެ މައްސަލައެއް ނޫނެވެ.
ދައުލަތުގެ އޮފީހެއްގެ ތައްގަނޑު ޖަހާފައި އޮތް ރަސްމީ ލިޔުމެއް އެއިން ކޮންމެ މީހެއްގެ އަތުގައި އެބައޮތެވެ. އެހެންކަމުން ޕީއެންސީގެ އަޑު ހަރު މެމްބަރުން ދާއިރާތަކުގެ މައިކުން އެއީ ގޯއްޗެއް ނޫނޭ ބުނެ އަޑު ގަދަ ކުރިއަސް ރުއް ގިނަ ނުވާނެއެވެ. އެ ޒަމާން ހިނގައްޖެއެވެ.
ދެން އޮތީ ފްލެޓުގެ ވާހަކައެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން ތިބި ކަމަށް ބުނެ، ވެރިކަމަށް އައި ގޮތަށް އައިސް އެއަށް ބޭނުވީ އޭސީސީގެ ދިގު އަތެވެ. އަދި ފްލެޓު ދިނުން ހުއްޓުވާ ހައްގުވެރިންގެ ހައްގަށް އަރައިގަތެވެ. އޭގެ ފަހުން ހައްގުވެރިންނަށް ފްލެޓު ދޫކުރިޔަސް މައްސަލައެއް ނެތްކަމަށް އޭސީސީއިން އެންގި އެންގުމަށް ވެސް ކަހާތަން ހިރުވާ ވެސް ނުލިއެވެ.
އަދިވެސް އެކަން އޮތީ އެހެންނެވެ. އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ދުށް އެތައް ބަޔަކު މިއަދު ނާއުއްމީދުވެއްޖެއެވެ.
ވީ ވައުދުތަކާ ކުރިން ބުނި އެއްޗެއްހި ކެންސަލް ކުރައްވަމުން ގެންދަވާ ރައީސްގެ ސަރުކާރުން މިވަނީ އެތައް އެތައް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގެ ހުވަފެން ބިލާހަކަށް ހަދާފައެވެ.
ހިޔާ ފްލެޓުތައް ދިނުމަށް އޭރު ގޮވި ގޮވުން މިއަދު ކަނޑިކި ބުރި ހަނދާން ނެތޭހެން ހަނދާން ނެތިއްޖެއެވެ. އޭރު ވެސް އެއީ ރައްޔިތުންގެ ހައްގެކެވެ. މިހާރުވެސް މިއީ ރައްޔިތުންގެ ހައްގެކެވެ. ބަދަލުވީ ވެރިންނެވެ. ނަމަވެސް އެއްވެސް ވެރިއަކަށް ރައްޔިތުންގެ ހައްގުތަކަށް ފައިން އަރައިގެން ހުރުމުގެ ހައްގެއް އަދި ބާރެއްވެސް ގާނޫނު އަސާސީއިން ވެސް އެހެން ގާނޫނަކުންވެސް ލިބިދީފައިނުވެއެވެ.
ރައީސް މީހާގެ ދިހަ ބާރަ ބުރީގެ އިމާރާތެއް ހުރުމަކީ ނިކަމެތި ރައްޔިތުންގެ ޖިފުޓިތަކަށް ވަނުމަށް އޮތް ހައްގު ބަންދުކުރަން ޖެހޭ ސަބަބެއް ނޫނެވެ.
ފްލެޓާ ގޯތި ނުދީގެން ރައްޔިތުން ކޮންމެ ހަފްތާ ބަންދެއްގައި އިހުތިޖާޖު ކުރުމަކީ ރައީސް މުއިއްޒާ އަދި ދައުލަތުގެ ވެރިން މުނިފޫހި ފިލުވަން ކުޅޭ ޑްރާމާއެއް ނުނެވެ. އެއީ ހަގީގަތުގައިވެސް ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތް މިންވަރު ހާމަކޮށްދޭ ދަލީލެކެވެ.
ކޮންމެ ރައްޔިތެއްގެ އަޑުވެސް ކަނުލާ އަހާނެ ކަމަށާ ދެން ރައްޔިތުން ކަންކަން ނުވެގެން މަގުތައް މަތީ އިހުތިޖާޖުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ އައި ރައީސްގެ ސަރުކާރުން މި ފަދަ ދެރަވަރުގެ ދެރަ ފެންވަރުގެ ކަންކަން ކުރުމަކީ ހަގީގަތުގައިވެސް ރައްޔިތުންގެ ބޮލުގައި ކޮޅުފައިން ޖެހުމެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރަކީ ތަނެއް ދޮރެއް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް ރައްޔިތުން ދަނީ ތަކުރާރުކޮށް ގޮވަމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ހަނެވެ. ރައްޔިތުން ވަނީ ފަނަލެވެ.
މިއި ދިވެހީންގެ ރާއްޖޭގައި އިންސާފު މިނެ ކިރާ އުސޫލުކަމަށް ވެދާނެއެވެ. ނޫނީ ދަރަނިތަކާ އެކު ކުރީ ސަރުކާރުގެ އަންނަނީ އަންނަނީ ވެސް މި ސަރުކާރަށް ވާރުތަ ވީ ތޯއްޗެކެވެ.