2023 ވަނަ އަަހަރު ދިވެހީންގެ ނިންމުން ބިނާވެފައި އޮތީ ޖުމްލަ ތިން ކަމެއްގެ މައްޗަށެވެ. އޭގެތެރެއިން އެއް ވައުދަކީ "އިންޑިޔާ ސިފައިން" މި ގައުމުން ބޭލުމެވެ.
އަދުގެ ސަރުކާރުގެ ވެރިން އަޑުން އަޑު ނަގާ "އިންޑިޔާ އައުޓް" އޭ ކިޔަން ހުރި ފޮޓޯތަކާއި ވީޑިއޯތައް އަދި އިންޓަވިއުތަކާއި ޖަލްސާތަކާއި މުޒާހަރާތަކުގެ ސްޕީޗްތައް ވެސް އޮތީ ހެކީގެ ގޮތުގައި ހާމަކުރެވޭ ޒާތަކަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން މާތްވެގެންވާ އިސްލާމްދީނަށްޓަކައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި އިންޑިޔާ އައުޓް މި ބަސް ބޭނުން ކޮށްގެން ނުކުރާ ހަމަ އެންމެ ކަމެއްވެސް ނެތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިންޑިއާގެ އެހީތެރިކަން ހޯދާ އިންޑިޔާގެ ފައިބުޑަށް ވެއްޓި ސަލާން ޖަހަމުން ދިޔުމުން އެކަން ވީ ވަރަށް ވެސް ލަދުވެތި ކަމަކަށެވެ. ތިމަންނާމެންގެ ވެރިކަމުގައި ގޮސް އިންޑިޔާގެ ފައިބުޑަށް ވެއްޓޭ މަންޒަރެއް ނުފެންނާނޭ ކިޔާ ފެށީ ގަދަ ބަސް ބުނަންށެވެ.
ކުރީ ސަރުކާރުން އިންޑިޔާ އާއެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދުމުން އެއްބަސްވުންތައް ހާމަކުރަން ގޮވާ ނުކުރާކަށް ކަމެއް ހަމަ ނެތީއެވެ. އެއްބަސްވުންތަކާއެކު އޭރު ވެރިކަން ކުރީ އިންޑިޔާއިން މި ގައުމަށް ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ ހެދިއެވެ.މިއީ މިއަދުގެ ވެރިންނަށް އެއްވެސް ހާލަތެއްގައި ދޮގުކޮށް ރެކެވޭނެ ފަދަ ކަންކަމެއް ނޫނެވެ. މިއީ ހުސް ހަގީގަތެވެ. މުސްކުޅިން ބުނެ އުޅެއެވެ. ހަގީގަތަކީ އެޔާ ކުރިމަތިލާންޖެހިއްޖެ ހާލަތެއްގައި އަރުތެރެޔަށް ހިތި ރަހަ ގެނެސްދިނުވާ އެއްޗެކެވެ. އެހެންތާ އެވަނީ،މިއަދު ސަރުކާރުގެ ވެރިގެންގެ ކަރު ބުޑުގައި ވެސް ހިތި ރަހަ ލާނެ ވަރަކަށް ލާނެއެވެ.
ވެރިކަމަށް އަހަރެއް ނުވަނީހެން މި ވެރިން "ކުރިން ބުނި އެތި ކެންސަލް" ކޮށްލައިފިއެވެ.ކުރިން ކީހާ ޅެންތަކުގެ ހާސަރު ބަދަލުކޮށް މުޅި ރާގު އަނެއް އަތަށް އަނބުރާލީއެވެ. ގޮވިހާ ކުނިހުތުރާއި އަޑާ ފުރައްސާރަ އޮބޭހާ މިންވަރަށް ހުޝާމަދުކޮށް ރީތި ޅެންތަކާއި ފަރިހިތަކުން ސަނާކިޔަންފެށީއެވެ. ވެރިޔާގެ ރާގު ބަދަލުވީ ސަބަބެއް ވެސް ނެތި ނޫނެވެ.
އާދެ މި މަހުގެ 10 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން މި ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ވާހަކަ ފަޅައި އަރުވާލާފައެވެ. އާދެ، އިންޑިޔާއަށް އަށް މި ވަޑައިގެންނަވަނީ ވެސް ދެވަނަ ދެކަމަކު ނޫނެވެ. މާލީގޮތުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ރުފިޔާފޮއްޗެއް ލިބޭތޯއެވެ. އާދެ، އެއްކަލަ ސަލާމުގެ ނާށިގަނޑު ހިއްޕަވައިގެންނެވެ. ސަރުކާރު ހިންގާނެ ފައިސާ ހޯދުމަށެވެ. ނުކަތާވަރަށް އައްޔަންކޮށްފައި ތިިބި ނާގާބިލް ސިޔާސީ މުވައްޒަފުންގެ މުސާރަ ހިންގުމަށްޓަކައި ފައިސާއެއްް ލިބޭތޯއެވެ.ތަރައްގީގެ މަޝްރޫއުތައް ނުހިންގުނަސް ވެރިކަން ސަލާމަތް ކުރެވޭވަރުގެ އެއްޗެއް ލިބޭތޯ އާދޭސް ކުރުމަށެވެ.
މަގްސަދު މިގޮތައް ހުރުމުން އަޑުއަރައިން އުޅެނީ އިންޑިއާ އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. ދިވެހި ސަރުކާރުންވެސް ބުނަމުން އެދަނީ އިންޑިއާއިން އެހީތެރިވާނެކަމުގެ ޔަގީންކަން ނުވަތަ އުއްމީދު ބޮޑުކަމަށެވެ. ސުވާލު މި އުފެދެނީ މި ހިސާބުންނެވެ. އެދުމެއް ނެތި ވެދުމެއް ކުރާނެތޯއެވެ. އިންޑިޔާ އަށް އެއްވެސް ފައިދާއެއްް ނުވާހާ ހިނދަކު "އައުޓް އޮފް ނޯވެޔަރ" އިންޑިޔާއިން ފައިސާ ގޯންޏެއް އޮއްސާލަފާނެ ހެއްޔެވެ. އަމުދުން އިންޑިއާއާ އެވަރުގެ ބޮޑު ހަތުރަކަށް ހިތުން ރުހުމުން އެއްޗެއް ދިއްކޮށްލަފާނެ ހެއްޔެވެ. ސަރުކާރުން އެދަނީ ސަލާން ޖަހާށެވެ. އެންމެފަހުން ގޮތްހުސްވެ އެއްކަލަ އިންޑިއާ ގާތަށެވެ.