March 13, 2026
Advertisement
އައްބާސް ޕީޖީގެ މަގާމަށް ގެނައުމަށް ރުހުން ދީފި
އައްބާސް ޕީޖީގެ މަގާމަށް ގެނައުމަށް ރުހުން ދީފި / -

ޕީޖީގެ މަގާމަށް އައްބާސްއަށް ރުހުން ދީފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 17, 2024, 05:59 PM
މާލެ ސިޓީ

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

Advertisement

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު ވަނީ ވޯޓަށް އަހާފަ އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރުމަށް ރުހުން ދީފައި ވަނީ 85 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓް ދިން މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޭނާ ޕީޖީގެ މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގައި ޕީޖީކަމުން ޝަމީމު ދުރުކުރަން މަޖިލީހުން ފާސްކުރިއެވެ.

ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އައްބާސްގެ ނަންފުޅެވެ. 

އެ މަގާމަށް އައްބާސް އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް، އިއްޔެ ވަނީ އޭނާ ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފަ އެވެ. ކޮމެޓީން ވަނީ އައްބާސަށް 93.91 ޕަސެންޓް މާކްސް ދީފަ އެވެ. އަދި ކޮމެޓީގެ އިއްތިފާހުން އޭނާ އެ މަގާމަށް އައްޔަނު ކުރަން ވެސް ވަނީ ފާސްކޮށްފައެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އައްބާސް އަކީ ރައީސް މުއިއްޒުގެ ބަނޑު ދަށުން ނެރުނު ޕަޕެޓަކެވެ.


ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved