އިންޓާނޭޝަނަލް މަނިޓަރީ ފަންޑު ( އައިއެމްއެފް ) / ސޯޝަލް މީޑިއާ
ވިޔަފާރި
ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ %5 ގައި: އައިއެމްއެފް
Fathmath Reem
ފާތުމަތު ރީމް
31 ޖެނުއަރީ 2024
މާލެ ސިޓީ

ދުނިޔޭގެ އިގްތިސާދު 3.1 އިންސައްތައިގަ ކުރިއަރާއިރު ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނީ 5 އިންސައްތައިގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

އައިއެމްއެފްއިން މިފަދައިން ލަފާ ކޮށްފައިވަނީ އެ އިދާރާއިން އާންމުކޮށްފައިވާ 'ގްލޯބަލް އިކޮނޮމިކް އައުޓްލުކް ޕްރޮޖެކްޝަންސް' ގައެވެ.

އެ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5 އިންސައްތައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.1 އިންސައްތަ ދަށް އަދަދެކެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ސިޔާސީ އަދި ދޭދޭ ގައުމުތަކުގެ ގުޅުމަށް އަންނަ ކުއްލި ލޮޅުންތަކާ އެކު އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުވެދާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ރަތް ކަނޑު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަސަރުކޮށް ތަކެތީގެ އަގު އުފުލިދާނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު ކަމުގައިވާ އެމްއެމްއޭއިން ވެސް ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުންނާނީ 5.5 އިންސައްތައިގަ އެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އިގުތިސާދީ ދުވެލި ހުންނާނީ 6.7 އިންސައްތައިގައެވެ.

އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ދުނިޔޭގެ އިންފްލޭޝަން ރޭޓު ހުންނާނީ 5.8 އިންސައްތައިގަ އެވެ. އަދިހަމައެހެންމެ ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ 2.8 އިންސައްތައިގައެވެ.

ކުރިއަރަމުން އަންނަ އިގްތިސޯދުތަކުގެ އިގްތިސޯދީ ދުވެއްޔާ ގުޅޭގޮތުން އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތުގައި އެ ގައުމުތަކުގެ އިގްތިސާދީ ދުވެލި މި އަހަރު ހުންނާނީ 4.1 އިންސައްތައިގައެވެ. އެގޮތުން އޭޝިއާ ސަރަހައްދުގެ ކުރިއަރަމުން އަންނަ އިގްތިސޯދުތަކުގެ ދުވެލި 5.4 އިންސައްތައިން 5.2 އިންސައްތައަށް ދަށްވާނެ ކަމަށް ވެސް އެ އިދާރާއިން އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved