

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުން ހަރަދު ކުޑަ ކުރުމަށް ކެނޑި ނޭޅި ރާއްޖެއަށް ގޮވާލަމުން ދަނިކޮށް ފިތުރު އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދާއި ގިނަ ރަށްތަކެއް ކުލަ ބޮކިތަކުން ދިއްލާލައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، އީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރު އިތުރު ރަށްތައް އީދަށް ދިއްލުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ކުލަބޮކިތައް ފޮނުވާފައިވެއެވެ. ނަމަވެސް އިއުލާނު ކުރި ލިސްޓުން އޮމަދޫ އުނި ކުރުމުގެ ސަބަބުން އެ ކައުންސިލުން އެ ކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރުނުކަން ފާހަގަކޮށްލެވެއެވެ.
އެ ލައިޓްތައް ދިއްލުން ފެށުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޚާއްސަ ރަސްމިއްޔާތެއް ރޭ ވަނީ ބާއްވައިފައެވެ. އެގޮތުން އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަށް އީދު ދިއްލުމުގެ ފުރުސަތު ދެވިފައިވާކަމަށް ދައުލަތުން މައުލޫމާތު ދެއެވެ.
ދައުލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ.
އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.