

ބޭރުން ފައިނޭންސިން ހޯދުމަށް ރާއްޖެ އަށް މިހާރު ހުރީ ހަނި ފުރުސަތުތަކެއް ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ބުނެފި އެވެ.
މޫޑީސް އިން އާންމުކުރި، ޕީރީއޮޑިކް ރިވިއުގައި ބުނެފައިވަނީ، މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އޮތް އިރު، އެ ރޭޓިންނަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. އެ ރިވިއުގައި ވާ ގޮތުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރިޒާވު ހުރީ ކުރިއަށް ހުރި ބޮޑެތި ދަރަނިތައް އަދާކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ބޭރުން ފައިނޭންސިން ހޯދުމަށް ވެސް ހުރީ ހަނި ފުރުސަތުތަކެއް ކަމަށެވެ.
މޫޑީސް އިން ބުނީ ބޭރުގެ ދަރަނި އިތުރުވެ، ދަރަނި ހޯދުމަށް އިތުރަށް ދަތިވެއްޖެ ނަމަ، ރާއްޖޭގެ ރޭޓިން ދަށްކުރަން ވެސް ޖެހިދާނެ ކަމަށެވެ. މޫޑީސްއިން ރޭޓިން އަޕްޑޭޓު ކުރާނީ އަންނަ މަހު ނުވަތަ އަންނަ ސެޕްޓެމްބަރު މަހު އެވެ.
ރިވިއުގައި ފާހަގަކުރި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.
އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން ބާޒާރުތަކުގެ ހާލަތު ބަދަލުވަމުން ދިއުމަކީ ރާއްޖެއަށް ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ.
މޫޑީސް އިން މިކަން ފާހަގަކުރި އިރު ވޯލްޑް ބޭންކުން މިދިޔަ މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ ރިޒާވް ބޭންކުން ނެގި ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ. އަދި އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) އަރާނެ އެވެ. އަންނަ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.
ސަރުކާރުން ވަނީ ބަޖެޓުގައި ހަރަދު ކުޑަ ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން 90 ޕަސެންޓް ކަންކަން އިމްޕްލިމެންޓް ނުކުރުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ތެޔޮ، ކަރަންޓް، ކާޑު، ނަރުދަމާ ޓާގެޓް ޑައިރެކްޓް ސަބްސިޑީއަކަށް ހެދުން ވަނީ ހުއްޓާލާފަ އެވެ. އަދި އެންސްޕާގެ ތެރެއިން އެހީ ދޭ މީހުން ޓާގެޓުކުރުމާއި ޑަބަލް ޕެންޝަން އުވާލައި، 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން ޓާގެޓުކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެކަންކަން ނުކުރަން ވަނީ ނިންމާފަ އެވެ.
މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ނުވަތަ އަލުން ފައިނޭންސްކުރުމަށް ނުވަތަ ރީފައިނޭންސް ކުރެވޭކަން މިހާރުއްސުރެ ކަށަވަރުކުރުން ކޮންމެހެން މުހިންމެވެ.
ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ