

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފްގެ އިންޒާރުތަކަށް ބެލުމެއް ނެތި ދައުލަތުގެ ޓެކްސީ ލައިނެއް ތައާރަފް ކުރުމަށް އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 80 މިލިއަން ރުފިޔާ ހަރަދުކޮށް 100 ކާރު ގެންނާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓްިނގ ކޮމްޕަނީ އެމްޓީސީސީން ހާމަކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ އެ މަޝްްރޫއު ފެށުމަށް ހޭދަވާ ހަރަދުގެ ތަފްސީލު ހޯދުމަށް އަދަދު ނޫހުން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައެވެ.
އެގޮތުން މަޝްރޫއުގެ ފުރަތަމަ ބުރުގައި 80 މިލިއަން ރުފިޔާ ހަރަދުކޮށް 100 ކާރު ގެންނަން ނިންމާފައިވީ ނަމަވެސް ކާރުތަކުގެ ފުރިހަމަ އަގު މިހާތަނަށް ޔަގީންނުވާކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
އެމްޓީސީސީއިން ބުނީ ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދު އަދި ހަމަޖައްސާފައިނުވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން މާލެ ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ދުއްވާނެ ކާރުތަކުގެ އަދަދު ވެސް ހަމަޖައްސާފައިނުވާ ކަމަށް އެ ކުންފުނިން ބުނާކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން ކާރު ގަންނަ ކުންފުނި، ކާރުގެ އަގު އަދި ބްރޭންޑެއް ވެސް އަދި ނޭނގޭ ކަމަށް އެމްޓީސީސީއިންވަނީ ބުނެފައެވެ.
ދައުލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.