އިގްތިޞާދީ ހާލަތު ދަށްވެފައިވާ މިވާ ހާލަތުގައި ސީ ޕްލޭންގެ ހިދުމަތް ރަނގަޅު ކުރުމުގެ ނަމުގައި އައު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.
މިގޮތައް ނިންމާފައި ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ނިންމަވާފައި ވަނީ އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.
މިކަމާ ބެހޭގޮތުން ރައީސް އޮފީހުން ބުނީ, އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ދާދިފަހުން ސަރުކާރުގެ ބައެއް ކުންފުނިފައް މާޖްކުރުމަށް ނިންމާފައެވެ.
އެހެންނަމަވެސް މާލީ ހާލަތު ގޯސް ދަނޑިވަޅުގައި އަނެއްކާ ވެސް އައު ކުންފުންޏެއް ހަދައި އެ ކުންފުންޏަށް އިސް މީހުން އައްޔަންކޮށް ދައުލަތުން ބޮޑު މުސާރަ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.