ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލާފައިވަނީ ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުގެރޭ ޓީވީއެމްއިން ގެނެސްދިން އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްފަހު ގެޔަށް ވަޑައިގެންނެވި މަގުމަތީގައެވެ.
އެރޭ ޓިވީއެމް ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު ކާރުކޮޅުގައި ގެޔަށް ވަޑައިގަތުމުގެ ކުރިން އަނބިކަބލުން ގުރައިޝާ މުހައްމަދަށް ގުޅާ ކެއިން ބެއްލުވުމަށް ތައްޔާރުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަނބިކަނބަލުން ކާންހަދައިގެން އިންނަވާ އަފްރާޝީމް ލަސްވެ، ފުންވިލުގޭ އިމާރާތުގައި އެބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓުން ބޭރު ބައްލަވާލެއްވިއިރު، އެމަނިކުފާނު ދިރިއުޅުއްވާ ހެންވާރު ފުންވިލުގޭ ޕާކިންގ ޒޯނުގައި އެމަނިކުފާނުގެ ކާރު އޮތެވެ.
ޑރ. އަފްރާޝީމް އަލީ އެވަގުތު އިންނެވީ ކާރުކޮޅުގައިކަމަށް ހީކޮށް، މަޑުކުރެއްވުމަށްފަހު ގެއަށް ވަދެވަޑައިނުގެތް ލަސްވުމުން ތިރިއަށްފޭބިއިރު، ގުރައިޝާއަށް ފެނިގެންދިޔައީ ދުވަހަކުވެސް އޭނާ ދުށުމަށް އެދުނު މަންޒަރެއް ނޫނެވެ. އެއްވެސް ކުށެއް ނެތް އެކަމަނާގެ ލޮބުވެތި ފިރިކަލުން އަނިޔާވެރިގޮތަކަށް އިމާރާތުގެ ތިރީބުރީގެ ސިޑި ކައިރީގައި އަވަހާރަކޮށްލާފައި އޮތް މަންޒަރެވެ.
ރަހުމްކުޑަގޮތަކަށް ޑރ. އަފްރާޝީމް އަލީއަށް ހަމަލާދީ ބޮލުގެ ނާށިގަނޑުން ބައެއް ވަކިކޮށް ހަށިގަނޑުގެ އެތައް މިތަނަށް ހަމަލާދީފައިވާއިރު، އޭރު ހަށިކޮޅު ކައިރީގައި ޓީވީއެމްގެ ”އިސްލާމީ ދިރިއުޅުން“ ޕްރޮގްރާމަށް ވަޑައިގެންނެވި އިރު ގެންދެވި ކަމަށް ބެލެވޭ ފޮތްތައްވެސް ހުރިއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އެރޭ އެއްގަޑި ހަތާވީސް ހާއިރުކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ.
ފާޅުގައި ދީނީ ކަންކަމަށް ވަކާލާތު ކުރައްވަމުން ގެންދެވި ޖެހިލުން ކުޑަ އެ އިލުމުވެރިޔާގެ މަރާ އެކު ޤައުމުގައި މޮޅިވެރިކަމުގެ ސާލެއް ދެމިގެން ދިޔައިރު އެ ބައްޔަކު ނެގީ އެ މަރުގެ ނަޖާއިޒު ފައިދާއެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިކޮށްލުމަށް ފެންބޮވައިގަނެފައި ތިބި ބަޔަކު އެ މަރު ނެގީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ.
ސިޔާސީ ގޮތުން އެވެރިންގެ ވާދަވެރިންގެ އަބުރާ އިއްޒަތް ކަތިލުމަށް އެވެރިން ގެންގުޅެމުން ދިޔަ ރަން ބިސް އަޅާ ކުކުޅަކަށް މަރުހޫމެއްގެ މަރު އެމީހުން ހެދިއެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް އެމީހުން އެ މަރު ބޭނުން ކުރަމުން ދިޔައީ ލޮޓަރީ ޓިކެޓެއްގެ ގޮތުގައެވެ.
އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ދީނީ އިލުމްވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަފްރާޝިމް އަލީގެ މަރުގެ ހަޤީގަތް ހާމަކުރައްވާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މަޖިލީހުގައިގެ ކުރީގެ މެމްބަރު، އަބްދުﷲ ރިޔާޒުވެސް އިންތިޚާބުގެ ދުވަސްވަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ބޭފުޅުންގެ ބަސްމަގު ވަނީ ބަދަލުވެފައެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި މިނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ ވަނީ އަފްރާޝީމްގެ މަރާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.
އެދުވަހު ޝެއިޚް އިމްރާން ވިދާޅުވީ ޑރ.އަފްރާޝީމްއަށް ވީގޮތް ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަތުގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އެދުވަހު ގަނޑުތަކެއް ވެސް ދެއްކެވިއެވެ. ނަމަވެސް ފަހުން ފޮޓޯތަކާއި ވީޑިޔޯތައް ރަނގަޅަށް ބެލުމުން އެއީ ހަވީރު ނޫހުގެ ކޮޕީތަކެއް ކަން ހާމަވިއެވެ.
ޝެއިޚް އިމްރާނުވަނީ އާންމު އެތައް އެއްވުމެއްގައި އެތައް ބައެއްގެ މަރުގެ އިލްޒާމު ރައީސް ޔާމިންގެ އިސްތަށިފުޅުގައި އަޅުވާފައިވެއެވެ. އެވަރުގެ ދޮގުވެރިޔަކު ޤައުމުގެ ރައްޔިތުންގެ ދާޚިލީ ކަންކަމުގެ ހައްގުތައް ހިމާޔަތްކޮށް ދޭނީ ކިހިނަކުން ބާ އޭ ހިތައް އަރައެވެ.ކަންމިހެން އޮތް އިރު ޑރ.އަފްރާޝީމް އަލީގެ މަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން އައި މީހުން އަނެއްކާވެސް އެމަރު ހަމަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފި ކަމަށް ގިނަ އާންމުން ބުނަން ފަށައިފިއެވެ.
އެގޮތުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ކަމާބެހޭ ގުޅޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވާފައިވާއިރު، ގިނަ ބަޔަކު ބުނަމުން ގެންދަނީ އެއީ މިހާރު ރާއްޖޭގެ މަސްރަހުގައި ހޫނުވެގެންދިޔަ ސުޕްރީމު ކޯޓުގެ މައްސަލަ ހިންދާލަން ނުވަތަ މަތި އަޅަން ކުރި ކަމެއް ކަމަށެވެ.
މި ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް ކުރާ ކޮންމެ ކަމެއްގެ ސަބަބުން އާންމުންނާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ފަށާއިރަށް މަކަރުވެރި ކޮންމެވެސް އުކުޅެއްގެ ބޭނުންކުރެއެވެ. އެގޮތުން ލާދީނީ ޖަމިއްޔާ އެމްޑިއެނުގެ މައްސަލަ ހޫނުވެގެން އުޅުނު އިރު ސަރުކާރުން ހޯދި އަލްޓަނޭޓިވްއަކީ ޖުޑިޝަރީއެވެ.
ރައްޔިތުން ބުނަމުންދަނީ އިންތިޚާބުގެ ދުވަސްވަރު ދެއްކެވީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއްކަން މިއަދު އެނގި ހާމަވަމުންދާ ކަމަށާ ނަމަވެސް ބައެއްގެ މަރުގެ ނުވަތަ ގެއްލިފައިވާ މީހަކުގެ މައްސަލަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެއީ ހަމަ އެންމެ ރަގަޅު ގޮތް ބާއެވެ؟
ޑރ.އަފްރާޝީމްގެ މަރަށް ބާރަ އަހަރު ވެގެން ދިޔައިރުވެސް އެ އާއިލާއަށް އިންސާފުލިބިފައިނުވެއެވެ. އެހެންކަމުން މީގެ ކުރިން ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އެނގޭ ކަމަށް ބުނެ އެ ބޭފުޅާގެ މަރު ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދި މީހުން މިއަދު ކޮބައިބާއެވެ؟
މަރްޙޫމު އަފްރާޝިމްގެ އާއިލާއަށް އިންސާފު ހައްގު މިންވަރަކީ ހަމަ އެއީބާއެވެ؟ އަނގައިން އިންސާފު ކިތަންމެ ރަގަޅަށްވެސް ހޯދައިދީފިއެވެ. ނަމަވެސް ކަމުން އަދިވެސް ހަމަ އެކަން އޮތީ އޮތް ތާނގާއެވެ. ފެންނެތް ބޮޑެތި ކާށިތައް ބިނދެ ރައްޔިތުން ލޮލުގައި އަނދުން އަޅުވައިގެން ރައްޔިތުން ގުނބޯ ހައްދަމުން ދިޔައީ ހަަމަ ސިޔާސީ މަންފާއެއް ހާސިލްކުރުމަށެވެ. އަޅެ މިއީ ބަޔަކު މަޝްހޫރުކަން ހޯދަން ބޭނުންވިޔަސް ބޮޑުވަރެއް ނޫންތޯއެވެ.
މާތް ﷲ ޑރ. އަފްރާޝީމްގެ ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އަދި އެ އާއިލާއަށް އިންސާފު ލިބޭނެ މަގު ތަނަވަސް ކުރައްވާށިއެވެ. އާމީން!