

ބޭރު ފައިސާގެ ވިޔަފާރިކުރުމާ ގުޅޭގޮތުން އެމްއެމްއޭ އިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ކުރީ ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ މައުސޫމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 52 އަހަރު ފުރޭއިރު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
އިތުރަށް ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީގެ ސިއްރަކީ އެދާއިރާގެ ޙިއްސާދާރުންނާއި މުވައްޒަފުންގެ މަސައްކަތާއި ސަރުކާރުތަކުން ދާއިރާގެ އިސްފަރާތްތަކުގެ ލަފާ ހޯދައިގެން ގަވައިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ ނަތީޖާ ކަމަށެވެ.
ނަމަވެސް ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ސަމާލުކަންނުދީ ހަރުކަށި ގަވައިދެއް އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވެފައިވާއިރު އެމްއެމްއޭ އިން އިއުލާނުކުރި ބޭރު ފައިސާގެ އުސޫލު އޮތީ ދިން ހިޔާލުތަކާ އެއްގޮތަކަށް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ ހާމަކޮށްފައެވެ.