ރާއްޖޭގެ މަސް ބޯޓަކަށް އިންޑިއާގެ މަނަވަރަކުން ބަޔަކު އަރައިފިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަަސްވެރިކަން ކުރަމުން ދިޔަ އދ. މަހިބަދޫ މަސް ދޯންޏެއް ކަމަށްވާ "އަސުރުމާ3" އަށް އިންޑިއާ މަނަވަރެއް ކައިރިކޮށް އެ ދޯންޏަށް ބަޔަކު އަރާފައިވާ ކަމަށެވެ. އެކަން އެ ޖަމްއިއްޔާގެ ފަރާތުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.
މިކަމުގެ އިތުރު މައުލޫމާތު ޗެނަލް13އާ ހިއްސާކުރަމުން ބޮޑު ކަންނެލި ޖަމްއިއްޔާގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ، ދޯނިން ގުޅާ އެ މައަލޫމާތު އެ ޖަމްއިއްޔާ ހިއްސާކުރި ކަމަށާ ސެޓެލައިޓުން ދައްކާ ގޮތުގައި ދޯންޏަށް އިންޑިއާ މަނަވަރުން އަރާފައިވަނީ ހއ އަތޮޅާ ދިމާލުން އިރުމަތީގައި ދޯނި އޮއްވާ ކަމަށެވެ. އަދި އޭގެ ފަހުން ކޯސްގާޑުންވެސް އެ ހިސާބުގައި ހަރަކާތްތެރިވެފައިވާ ކަމަށްވެސް ނަޝީދުއަށް ދޯނިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް އޭގެ ފަހުން ދޯނިން ފޯނު ނުނަގާތީ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހަްދުގައި މަސްވެރިކަން ކުރަމުންދިޔަ އ.ދ މަހިބަދޫ އަސުރުމާ3 ދޯންޏަށް މިވަގުތު އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިއްޖެ.މިކަން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން!މިކަން ބަލައިދެއްވާ! @MFORmv @MNDF_mv pic.twitter.com/bStJ9EtEwC
— Bodu Kanneli Masveringe union- BKMU (@FishermensUnion) January 31, 2024
ބޮޑު ކަންނެލި ޔޫނިއަނުން ހިއްސާކޮށްފައިވާ ފޮޓޯއަށް ބަލާއިރު އެ ދޯނި އޮތީ ރާއްޖޭގެ އުތުރުން 95.711 ނޯޓިކަލް މޭލުގައެވެ. އެހެންކަމުން ރާއްޖޭގެ އިހުތިޞާސުގެ ތެރޭގައި އޮއްވާ އިންޑިއާ މަނަވަރަކުން ދޯންޏަށް އެރި ސަބަބާ އަދި މިކަމުގެ ތަފްސީލު ހޯދާލުމަށް އެމްއެންޑީއެފަށް ސުވާލުކުރުމުން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމަށެވެ. އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރުދަނީ ދަތުރު ކުރަމުން ކަމުގައިވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަދި ދިފާއީ ވަޒީރަށްވެސް ގުޅާލުމުން ދެ ބޭފުޅުން ކުރެ ބޭފުޅަކު ފޯނަށް ޖަވާބު ދެއްވާފައިނުވެއެވެ. އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގުއަށް ގުޅާލިއިރު އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.