ޗާގޯސް މައްސަލާގައި މި ސަރުކާރުން ވައުދުވީ ގޮތަށް އަމަލުކޮށްފައި ނުވާތީ އެކަން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.
އެގޮތައް އެ ޕާޓީގެ ފަރާތުން ކުށްވެރިކޮށްފައި ވަނީ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ޕާޓީން ބުނެފައި ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތާއި ގުޅޭގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންއައި ސިޔާސަތު މިދިޔަ ސަރުކާރުން ބަދަލުކުރުމުގެ ސަބަބުން ރާއްޖެއާއި ރައްޔިތުންނަށް ލިބުނު ގެއްލުމާއިމެދު މި ސަރުކާރުން މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައި ނުވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި ރައީސް ޞާލިޙްގެ ސަރުކާރުގައި ރާއްޖޭން ކުރަމުންއައި ވަކާލާތު ސިއްރު ސިޓީއަކުން ދޫކޮށްލައި އދ. ގައި އެގޮތަށް ވޯޓު ދިނުމަކީ މީގެ ކުރިންވެސް ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފައިވާނޭ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އަދި އޭގެފަހުން އުފެދުނު ރައީސް މުޢިއްޒުގެ ސަރުކާރުގައި އެ ނިންމުންތައް މުރާޖާ ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަމާއިމެދު އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އަޅާފައި ނުވަނީސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން ނިންމުމަކީ މި މައްސަލާގައި ކުރީ ސަރުކާރުން އަމަލުކުރިގޮތުން އަދި މި ސަރުކާރުން އެކަމުގައި ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން ވެގެންދިޔަ ގޮތެއްކަމަށް ދެކޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް މީގެ ކުރިން ބުނި ނަމަވެސް އެ މައްސަލާގައި އަލުން ވަކާލާތު ކުރުމުގެ ބާރު ނުލިބި އޮއްވާ އިނގިރޭސި ސަރުކާރުން ބުރާސްފަތި ދުވަހު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމާފައެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޭން ނިންމުމާއެކު ރައީސް ޔާމީން ވެސް ވަނީ ސަރުކާރަށް ކަނޑުގެ ސަރަހައްދު ހޯދުމަށް ވަގުތު ލިބުނު ނަމަވެސް އެކަން ނުކުރައްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.