

ޑިމޮކްރެޓްސް ގެ ގިނަ މެމްބަރުން ވެރިކަން ކުރާ ޕީއެންސިއަށް ބަދަލުކުރެވިފައިވާކަން ފާހަގަވުމާ ގުޅިގެން ، ޑިމޮކރެޓްސްގެ ފަރާތުން އެ މައްސަަލަ މިއަދު ޕޮލިހަށް ހުށަހަޅައިފި އެވެ. އެ މައްސަލައިގައި ޑިމޮކްރެޓްސްއިން ވަނީ އީސީގެ މެންބަރުންނާ ބައްދަލުކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީއިން ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަޅައިގެން ވަގަށް ވަައްދާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުން ވެސް ޕީއެންސީ އަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް ވެސް ހިމެނެ އެވެ.
ޑިމޮކްރެޓްސް ޕާޓީން ބުނީ ރާއްޖޭގެ ގާނުނުލްއުގޫބާތުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ ބަޔަކު ޖޫރިމަނާކޮށް، ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.
އިލެކްޝަންސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޑިމޮކްރެޓްސްގެ ދަފްތަރުގައި މިހާރު ތިބީ 3،667 މެންބަރުންނެވެ. އެ ޕާޓީގެ ދަފްތަރުގައި ކުރިން 4،300 މެންބަރުން ތިއްބެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ.
އެ މައްސަލަ ބޮޑުވެފައި އޮއްވައި އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ ކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފަ އެވެ.
ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް އީސީއަށް ހުށަހެޅި ކަމަށް އިއުތިރާފުވެފަ އެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅައިގެން މީހުނަށް ނޭނގި ޕާޓީތަކަށް ވައްދާ ޝަކުވާ ގިނަވަމުން ދާތީ އިލެކްޝަންސް އިން ވަނީސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، ޝަކުވާ އަށް ހުޅުވާލައިފަ އެވެ.