މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހު ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުއަށް އަހަރެއް މިއަދުވެފައިވާ އިރު މިކަމާއި ގުޅިގެން ދިވެހި ޒުވާނުންގެ ޖަމްއިއްޔާއަކުން ބޮޑު އެއްވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
" އުއްމަތް ފަލަސްތީނާއި އެކު" ނަމުގައި 2024 އޮކްޓޯބަރު 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުމަކީ ޔޫތް ފޯ ޔުނިޓީ އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފަލަސްތީނަށް ހަމަލާދީ އެ ގައުމުގެ ރައްޔިތުން ޝަހީދުކުރަމުންދާތާ އަހަރެއްވީއިރުވެސް މި ހަމަލާތަކަށް އެއްވެސް ހުއްޓުމެއްނެތި އަދިވެސް އަންނަނީ ދެމުންނެވެ.
މި ޖަމްއިއްޔާއަކީ ފަލަސްތީނުގެ ހައްގުގައި ހުއްޓުމެއްނެތި ވަކާލާތުކުރަމުންދާ ޖަމްއިއްޔާގެ އިތުރުން، ސަހްޔޫނީންގެ ޕާސްޕޯޓް މަނާކޮށް އެ ގައުމަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ މި ޖަމްއިއްޔާގެ މެންބަރުންދަނީ ކޮންމެ ހުކުރު ދުވަހުގެ ރޭ ގައި ސިލްސިލާކޮށް އެއްވުންތައް ބާއްވަމުންނެވެ.
ހުކުރު ދުވަހުގެ މި ހަރަކާތް ދެ ބަޔަކަަށް ބަހާލާފައިވެއެވެ. އެއީ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި އާއިލީ ހަވީރެއް ބޭއްވުމުގެ އިތުރުން އެ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުން ފެށިގެން އާޓިފިޝަލް ބީޗަށް ބޮޑު ހިނގާލުމެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ފަަލަސްތީނުގެ ހައްގުގައި ބައިވެރިވުމަށް އެ ޖަމްއިއްޔާގެ މެންބަރުން އެދިފައިވެއެވެ.
މުސްލިމު ގައުމަކާއި ދެކޮޅަށް މިފަދަ ގަތުލުއާންމެއް ހިންގަމުންދާތާ އަހަރެއްވީއިރު ދިވެހި ސަރުކާރުން މިފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންދާ ގައުމަކާއި ދެކޮޅަށް ފިޔަވަޅެއް އަޅާލަން ވަނީ ނުކުޅެދިފައެވެ.