އުނބަށް ޖެހުމަކީ ދިވެހިންގެ ތެރޭގައި އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ، މަޒާޖީ ބަހެކެވެ. އެ ބަސް ބޭނުން ކުރާ ޙާލަތަކަށް އޮންނަނީ، ކަމެއް ނުކޮށް ދޫކޮށްލުމަށްފަހު، ނުވަތަ ނުކުރަން ނިންމުމަށްފަހު، ފަހުން އަނެއްކާ އެކަމެއް ނުވަތަ ކަންތައްތަކެއް ކުރަން ނިންމުމުންނެވެ.
މިއަދު އެ މިސާލު ބަސް ހަގީގަތުގައި ވެސް ރާއްޖޭގެ ހާލަތަށް ފެތެއެވެ. އަދި ވެރިކަމުގެ ކަންކަން ހިނގަމުން ދަނީ އެ ބީދައިން ކަމަށް ބުނެވެން ވެސް އެބަ އޮތެވެ. އެއީ ހަމައެކަނި ވަށަފަރު ބޭފުޅަކު ވެރިކަމުގައި ހުރުމުން އެކަންޏެއް ނޫނެވެ. ކުރިން ބުނި އެޗެއްހި ކެންސަލްކޮށް ގައުމުގެ ކަންކަން ކުރިއަށް ގެންދާ ދިއުމާވެސް އެކުއެވެ.
އެގޮތުން ބަލާއިރު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނުހަނު ގަދަ ކެމްޕެއިނެއް އިންޑިއާ ދެކޮޅަށް ކުރުމަށް ފަހު ކަމީ މުޅި ދުނިޔެވެސް ދަންނަ ހަގީގަތެކެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށް ފަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބިރވަޑައިގެން އެއާޕޯޓުގައި މީޑިޔާތަކަށް ދެއްވި އިންޓަރވިއުގައިވެސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
އަޅުގަޑުމެންގެ ގައުމު ކިތަންމެ ކުޑަ ނަމަވެސް އެއީ އިންޑިއާ މީހުންނަށާ އެ ގައުމުގެ ވެރިންނަށް އަޅުގަޑުމެންނަށް ފުރައްސާރަކުރަން ލިބޭ ލައިސަންސެއް ނޫނޭ ވިދާޅުވިއެވެ. އެއާއެކު ގިނަ ދިވެހިން އެމަނިކުފާނުގެ ހިތްވަރަށް ސަނާކިޔެއެވެ. ހިތްވަރުގަދަ ވެރިއެއް ކަމަށް ބުނެ ތައުރީފުކުރިއެވެ. ހަގީގަތުގައިވެސް ރައީސް މުއިއްޒަށް އިންޑިއާއާ ދެކޮޅަށް ތެދުވަން ކެރިދާނެކަމަށް ގަބޫލުކުރިއެވެ.
ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ކުަލަވަރު ބަދަލުވާން ފެށިއެވެ. ކުރީ ސަރުކާރުން ނަގާފައި އޮތް ދަރަނީގެ ދަންތުރައިގެ ވައު ފަށަށް އިންޑިއާއިން ބާރުކޮށްލުމާއެކު ތަޖުރިބާއެއް ނެތް ރައީސް މުއިއްޒުގެ ސަރުކާރު ނޭވާ ހޮޅި ބެނދި އޮކްސިޖަން މަދުވާން ފެށިއެވެ.
މީގެ އިތުރުން ދިވެހިންގެ މިނިވަންކަމާ އިސްތިގުލާލަށް އޮތް ނުރައްކަލެއްގެ ބޮޑުކަމުން، ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ގައުމީ ބޮޑު ކެމްޕެއިން، "އިންޑިއާ މިލިޓަރީ އައުޓު"ގެ ދަށުން އިންޑިއާ ސިފައިން މިގައުމުން ބޭލުމަކީ އެމަނިކުފާނުގެ ހުސްގޮނޑު ދައްކައިގެން ވެރިކަމަށް އައި ސަރުކާރުގެ ވަލިއްޔުލްއަމުރުގެ ރިޔާސީ ވައުދެއް ނަމަވެސް އެކަންވެސް އެންމެ ފަހުން ރައްޔިތުން ބޮލަށް ޖެހި ޗިޕަކަށް ބަދަލުވީއެވެ.
އިންޑިއާ ސިފައިންގެ ޔުނިފޯމު ގަންޖުފަރާހަށް ބަދަލުކުރުމަށް ފަހު ބޫޓު ކިބަތައް ފައިވާން ކިބަތަކަށް ބަދަލުކުރިއެވެ. އިންޑިއާ އަސްކަރީ އުޅަނދުތައް ބޭނުންނުކުރާނެކަން ދެއްކުމަށް، ގެއްލުނު ކުއްޖެގެ ފުރާނަ ހުސްވިއިރުވެސް ބޭނުންނުކޮށް ހުރުމަށް ފަހު އިންޑިއާއިން ދޭ ފައިސާ އެހީގެ ބޭނުމުގައި މިހާރު އިންޑިއާ އަސްކަރީ އުޅަނދުތައް ރާއްޖެ އެތެރެ ކުރަން ވެސް ނިންމައިފިއެވެ.
އިންޑިއާއާ އެކު ވިޔަފާރީގެ އެއްބަސްވުމަށް ދާން ކުރީ ސަރުކާރުން ނިންމުމުން ފާޑުކިޔުމަށް ފަހު މިހާރު ވެރިކަމުގައި ހުންނަވާ އެ އެއްބަސްވުންތައް އެކުަލވާލަން ނިންމައިފިއެވެ
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ދީފައި ހުރި ފަންގިފިލާ އަތުލުމަށް ސަރުކާރުން ނިންމި އެވެ. އެ ފަންގިފިލާ ހުސް ކުރުމަށް މުހުލަތެއް ވެސް ދިނެވެ. ނަމަވެސް، އެ ނިންމުމާ ކިޔަވާ ކުދިން އަދި ރާއްޖޭގެ ގިނަ ބަޔަކު ވެސް ދެކޮޅު ހެދި އެވެ. އިސާހިތަކު ރައީސް މުޢިއްޒު އެ ނިންމުން ބަދަލު ކުރެއްވި އެވެ. ނިންމެވީ އެ ކުދިންނަށް އެ ފަންގިފިލާ ދީފައި ބޭތިއްބުމަށެވެ.
ޤައުމީ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެ އިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދަށް ގެނައި ބަދަލުވެސް ކުރިން ބުނި އެތި ކެންސަލްކުރިއެވެ. ރައްޔިތުންގެ ޕްރެޝަރ ބޮޑުވެގެން ނަމަވެސްއެވެ.
ދެން އޮތީ ލޭނު މަސްވެރިކަމުގެ ވާހަކައެވެ. ރައީސް މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ނިންމީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށެވެ. ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު ކަންބޮޑުވުން، އެތައް ޖަމިއްޔާއަކުން ވެސް ފާޅުކޮށްފައިވެއެވެ. އަދި އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކަމުގައި ހުށަހެޅި ކުއްލި މައްސަލަ ވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އޭރު ބޭރުކޮށްލީއެވެ.
އެ ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދިޔައިރު ވެސް، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވެސް ވިދާޅުވަމުން ގެންދެވީ އެކަމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ވާނެ ކަމަށާއި، އެއީ ކުރުން ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމަށް ޢަމަލު ނުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު މިދިޔަ އޯގަސްޓު މަހުގެ ފަހު ކޮޅު ނިންމެވިއެވެ.
ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރެއްވިއެވެ. ދެން ވެސް އަދި ގިނަ ކަންތައްތަކެއް ނިންމަވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ޕޯސްޓު ކުރެއްވިއެވެ. އެހެން ނަމަވެސް، އެ ނިންމުމަށް ބަރާބަރު ދެ ދުވަސް ނުވަނީސް އަނެއްކާވެސް އެ ސަރަހައްދު ރޭސިން އަދި ޑްރިފްޓީން އަށް ދިނުމަށް ނިންމެވިއެވެ.
މިފަދަ ކިތަންމެ ކިތަންމެ ކަމެއް އަދިވެސް ލިސްޓު ކުރެވިދާނެއެވެ. ޖުމްލަކޮށް ބުނާނަމަ މިއީ އުނބަސް ޖެހުމުގެ ވަރަށް ފައްކާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެކެވެ. މިހެން ބުނީމަ، ބަޔަކު އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް މިއީ ބަދަލު ނުވާނެ ހަގީގަތެކެވެ. މިއީ ޕްރޯ މޯލްޑިވްސް ސަރުކާރެއް ނޫނެނެވެ. މިއީ ޕްރޯ އުނބު ސަރުކާރެކެވެ. "އާނއެކެވެ! މިއީ އުނބަށް ޖެހުމުގެ ޕްރޯ ސިޔާސަތެއް ގެންގުޅޭ ސަރުކާރެކެވެ! ވަށަފަރު މީހުން ހަގީގަތުގައި ވެސް އުނބަށް ޖަހަނީތާއެވެ!