ރައީސް އަބްދުﷲ ޔާމީން ފެންނަ ކޮންމެ ފަހަރަކު ރައްޔިތުނަށް ހާމަވާނީ ރައީސް މުހައްމަދު މުއިއްޒުގެ ނުލަފާކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިހާރުގެ ސަރުކާރުން ރައީސް ޔާމީންގެ މައްސަލަތައް އަލުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައި ޕިއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ، އިންތިހާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތަކުން ފެނިގެން ދިޔައީ އެއް މަންޒަރެއް ކަމަށެވެ. ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސްވެސް އެކި ވާހަކަތައް ދެއްކެވި ކަމަށާއި، މަޖިލިސް އިންތިހާބުގައިވެސް ފެނިގެންދިޔައީ އެ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒަކީ މިފަހުން ފެނުނު އެންމެ ވިޔާނުދާ ވެރިޔާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ޑރ ޖަމީލް ވިދާޅުވީ މިހާރު މި ފެންނަ މަންޒަރަކީ އެއްވެސް ގޮތަކަށް ތަސައްވުރުކުރި މަންޒަރެއް ނޫން ކަމަށާއި، މީހަކު މިވަރަށް ނުބައިވެ، ދޮގުހަދާ، މީހަކު މިވަރަށް ދެ މޫނުގެ ވެރިޔަކަށް ވެދާނެކަމަށް އަދި ބަހާއި އަމަލާއި ދިމާނުވެދާނެކަމަށް ތަސައްވުރު ނުކުރެވޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންއާ މެދު މިހާރު ކަންކުރަމުން ދާ ގޮތުން އެކަނިވެސް އެކަން ހާމަވެފައިވާ ކަމަށް ޑރ. ޖަމީލު ވިދާލުވިއެވެ.
ރައީސް ޔާމީން މި ގޮނޑިން ފެންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހަނދާންކޮށްދޭނީ މުއިއްޒުގެ ނުލަފާކަން. މުއިއްޒުގެ ވިޔާނުދާކަން މުއިއްޒުގެ ދޮގު ހެދުން. މުއިއްޒުވީ ބޭފާތެރިކަން. މުއިއްޒު މިގައުމުގެ ރައްޔިތުން ކުރިމައްޗަށް އަރާ ހަތް ހުވައިން ކުރި ހުވާ. ވައުދު. އަތުގަ ހިފާފަ.
ޑރ. ޖަމީލް ވިދާޅުވީ ބަހާއި އަމަލާއި ދިމާނުވާ ވެރިޔަކު އައިސް، މިއަދު އިންޑިއާއަށް ގޮސް އެ ދައްކާ ވާހަކަތަކަކީ އެކަމުގެ އެއް ހެކި ކަމަށެވެ.