2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރު ކުރިމަތި ލެއްވި ހުރިހާ ކެންޑިޑޭޓުންގެ ގެ ލޮލުގައި ވެސް ހުރީ ވެރިކަމުގެ ތަހުތު ހާސިލްކުރުމުގެ ޖޯޝެވެ.
ކޮންމެ ހާލަތެއްގައި ވެސް އެ ތަހުތު ހޯދާ ބާރުތަކުގެ ވެރިޔަކަށްވުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެކަމަށް އެ ކެންޑިޑޭޓުން ވިސްނަމުންދިޔަ އިރު އެ ތަހުތު ހާސިލް ކުރުމަށްޓަކައި ދޮގާ މަކަރު ހިޔާރުކުރެއްްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެގޮތުން ކެމްޕެއިން ފެށުމާއެކު ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދޮގު ހެދިއެވެ. ރައީސް ޔާމީންގެ ހުސްގޮނޑިއާ އެމަނިކުފާނުގެ ޕޯސްޓަރު ބަހައްޓައިގެން ކުޅެލީ އެ ރައްޔިތުންގެ ހިތްތަކާއެވެ. އެ ރައްޔިތުންގެ ވޯޓު ޔަގީން ކުރީ އެމަނިކުފާނު މިނިވަންކޮށް ރައްޔިތުންގެ ކުރިމައްޗައް ގެނެސްދެެއްވާނެކަމުގެ ވައުދާއެކުގައެވެ.
ދެން ރައީސް މުއިއްޒު ހެއްދެވި އެންމެ ބޮޑު އެއް ދޮގަކީ ދިވެހިރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން އެ ގައުމަށް ފޮނުވާލާނެކަމުގެ ވައުދެވެ. 4000 އަކަށް ސިފައިން އެބަ ތިއްބޭ ވިދާޅުވެ ރައްޔިތުންގެ ކުރިމަތީ ވިދާޅުވީ އެ ހުރިހާ ސިފައިން އެ ގައުމަށް ފޮނުވާލާފަ ބުނާނީ ކައިންޑްލީ ޕްލީޒް ޓޭކް ޔުއަރ އާރމީ ކަމަށެވެ. ހުސް ހޮޅި ވާހަކައެވެ.
ކުރީ ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ ގޮތް ނޭނގޭ އެެއްބަސްވުންތައް ރައްޔިތުންނަށް ތިލަކޮށްދެއްވާނެކަމަށް ވިދާޅުވި އަޑު އަދިވެސް އަޅުގަނޑުގެ ކަންފަތުގައި ގުގުމާލައެވެ. ކެމްޕެއިންގެ ދެވަނަ ބުރުގައި ވެސް ރަށްރަށަށް ވަޑައިގެން ދެއްކެވީ އިންޑިޔާއިން ރާއްޖެއަށް ނުފޫޒު ފޯރުވާ ވާހަކައެވެ. އެ ނުފޫޒެއް އެމަނިކުފާނުގެ ވެރިކަމެއްގައި ނުފޯރުވޭނެކަމަށެވެ.
އޭގެއިތުރުން ޗާގޯސް ކަނޑުގެ މައްސަލަ މި ސަރުކާރުން ބަލާފައި އިޓްލޮސްގައި އިސްތިއުނާފް ކުރާނެކަމަށް ބުނި އެ ކަނޑުގެ ސަރަހައްދު ދެނެެއް ދިވެހިންނަކަށް ނުލިބޭނެއެވެ. ވެރިކަމަށް އައިސް ކުރާނެކަމަށް ބުނި މިކަން ވެސް ނުކުރެވިގެން އުޅެނިކޮށް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހިބަކޮށް ދީ ނިންމައިފިއެވެ.
މިއީ ހައްތަހާ ވެސް ވޯޓު ހޯދުމަށް ރައްޔިތުންނަށް ހެދި ދޮގުތަކެވެ. އެއްކަމެއް ވެސް ކުރެވުނުތޯއެވެ. ރައީސް ޔާމީން މިނިވަން ކުރިތޯ؟ އިންޑިޔާ ސިފައިން ބޭލުނުތޯ؟ އެއްބަސްވުންތައް ހާމަކުރެވުނުތޯ؟ ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައިދެވުނުތޯ؟
ބޮޑެތި ޕޯޑިއަމްތަކަށް އަރައިވަޑައިގެން ދޮގު ނުހެއްދެވުމަށް ރައީސް މުއިއްޒު ވިދާޅުވާއިރު ދޮގު ހައްދަވާފައިވަނީ މަނިކުފާނެވެ. ރައްޔިތުންނަށް ފުރަތަމަ ދުވަހުވެސް އޮޅުވާލާ ހެދީ މަކަރެވެ.
އެހާ ދީންވެރިކަމަށް ދައުވާކުރާއިރު ދޮގު ހެދުމާއި އޮޅުވާލުމަކީ ކިހާ ގޯސްކަމެއްކަން މަނިކުފާނަށް އެނގިނުލައްވަނީތޯއެވެ. ދޮގު ހަދައިގެން އާރާއި ބާރާއި ޝާނާ ޝައުކަތު މިއަދު
ހޯދިދާނެއެވެ. މާދަން އަދި ދުވަހެއް އޮތްކަން ހަނދާނުގައި ބަހައްޓަވާށެވެ. ތާއަބަދު ވެރިކަމުގައި ނުހުރެވޭނެއެވެ. އެއަށްވުރެ ރައްޔިތުން މާ ނަފްރަތު ކުރެއެވެ.
ކިތަންމެ ވަރަކަށް ދެން ތެދު ހެދިޔަސް ގަބޫލުކުރާނެ ރައްޔިތެއް ނުހުންނާނެއެވެ.