ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ) އިން އެހީ ބޭނުންވާ މީހުންނަށް ފައިސާ ދޫކުރަނީ ހަމަހަމަކޮށް ނޫން ކަމަށާއި އާސަންދައަށް ބިލު ކުރާ ކުންފުނިތަކަށް ފައިސާ ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިސާ އުސޫލަކުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ރާއްޖޭގެ ވެލްފެއާ ނިޒާމުގެ މައްސަލަތައް ބެލުމަށްފަހު ބޮޑު ހަ ކަމެއް އޭސީސީ އިން ވަނީ ފާހަގަކޮށްފަ އެވެ. ބަލާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ކަމަށް އޭސީސީން ބުނެ އެވެ.
އަދި އޭގެއިތުރުން އެންސްޕާއިން އެހީ ދޫކުރުމުގައި ހަމަހަމަކަން ނެތުމާއި ކުންފުނިތަކަށް އާސަންދައިން ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ގޮތަކަށް އަމަލު ކުރުމުގެ އިތުރުން ވެލްފެއާ ނިޒާމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާނުވުމުގެ ސަބަބުން ނަޒާހާތްތެރިކަން ކަށަވަރުނުވާ ކަމަށް ވެސް އޭސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެންސްޕާ އާއި އާސަންދައިން ފައިސާ ދޫކުރާއިރު ފައިސާ ދޫކުރެވެނީ ހޯދާފައިވާ ހިދުމަތަށްކަން ކަށަވަރުނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ. އަދި ބުނެފައި ވަނީ ސިއްހީ ވެލްފެއާ ނިޒާމު ވަށައިޖެހޭނެ ގޮތަށް ޒިންމާދާރު ކުރެވޭނެ ވަކި މީހަކު ނެތުމަކީ ވެސް މައްސަލައެއް ކަމަށެވެ.
އެކަންކަން އިސްލާހު ކުރުމަށް ވެސް އޭސީސީއިން ވަނީ ލަފާތަކެއް ދީފަ އެވެ.
އޭގެ ތެރޭގައި އާސަންދައިން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ފުރިހަމަ ދިރާސާއެއް ކުރުން ހިމެނެ އެވެ. އަދި ބޭސް ބޭނުން ކުރުމާއި ފަރުވާ ދިނުމާއި ޑޮކްޓަރުންނާ ގުޅުން ހުރި ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލަނެއް ހެދުން ވެސް ހިމެނެ އެވެ.
އެންމެ މުހިންމު އެއް ކަންތައް ގޮތުގައި އޭސީސީއިން ފާހަގަކޮށްފައި ވަނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން އަމިއްލަ ތަންތަނުގައި މަސައްކަތް ކުރުމުގެ ގަވާއިދެއް އެކުލަވާލުމެވެ. އަދި އެންމެ ބޮޑު އަގުގައި ބޭސް ވިއްކޭނެ އަގާއި ހިދުމަތް ދެވޭނެ އަގު ކަނޑައަޅަން ވެސް އޭސީސީން ވަނީ ބަޔާނުގައި ލަފާދީފައެވެ.