ރައްޔިތުން ކާންވީ ގަރުދިޔައާއި ބަތާ ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ ގުލާބްޖާމާ ތަންދޫރީ ކުކުޅު ފަޔެއްގައި އޮޅުލަންކަމަށް ވިދާޅުވެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
ހުސައިން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ދައްކާ ވާހަކައާއި އަމަލާ މިހާތަނަށް ދިމާވެފައިވާތަނެއް ނުފެންނަކަމަށެވެ.
ރައީސް މުއިއްޒު މި ކުރައްވަނީ ރައްޔިތުން އޭނާއާއި ހަވާލު ކުރި ޒިންމާތޯ ނުވަތަ އުޅެނީ ރައްޔިތުން ދޫކޮށް އަމިއްލަ އެދުމެއް ހާސިލުކޮށް ކޮންމެހެން ހަދައިގެންވެސް ވެރިކަން ދެމެހެއްޓޭނެ ގޮތެއް ހޯދަންތޯ ވެސް ހުސައިން ވަނީ އަހާފައެވެ.
އިތުރަށް ހުސައިން ވިދާޅުވީ ވެރިކަމަށް އަންނަން ދެއްކި ހުރިހާ ވާހަކައެއް ބަދަލު ކޮށްފި ކަމަށާއި ވައުދު ނާމާ ގެއްލިއްޖެކަމަށެވެ.
ރައްޔިތުން ގަރުދިޔަބަތް ކާންބުނެ މީނާ މިއުޅެނީ ގުލާބުޖާމާއި ތަންދޫރީ ޗިކަން ފައެއްގައި އޮޅުލަން. މިނިވަންކަމަށް ބުރޫއަރާ ކަހަލަ ކަމެއް ނުކުރަންކަމަށް މުއީޒު ބުނިއިރު މިނިވަންކަމަކީ ކޮބާކަން މުއީޒަކަށް ނޭގުނު. މިނިވަންކަމަށް އަސަރު ކުރާނީ ލިޔެވިފައި އޮންނަ ލިޔުމަކުން ނޫން. ލިޔެވިފައި އޮންނަ ލިޔުމުގެ ދެފޮޅުވަތް ދޭތެރޭގައި ފޮރުވިފައިވާ ބައިން އެއީ ނުދައްކާ ވާހަކަ.
ގައުމީ ސަލާމަތާއި އަމިއްލަވަންތަކަމަށް އަސަރު ކުރާނެ ކަމެއް ނުހިނގާނެކަމަށް ސަރުކާރުގެ ވެރިން ވިދާޅުވިނަމަވެސް އުނގަންނައިދިން އަދި ކިޔަވާދިން ފިލާވަޅުތަކަށް ބަލާނަމަ މިހާރަށް ވުރެ އިތުރަށް ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރާއި ގާތްގުޅުންތައް ދަމަހައްޓާ މީހުންނަށްވެސް ގައުމަކީ ކޮބާކަމާއި ގައުމެއްގެ އަސާސީސިފަތަކާއި ގައުމީސަލާމަތާއި ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ކަންކަން އެންމެ ރަގަޅަށް ނޭގޭކަން ފާހަގަވާކަމަށް ހުސައިން ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިދިޔަ 5 އަހަރު ދެއްކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުގެ ވާހަކަކަމަށާ އިރު އަރާ އޮއްސުނު ތަނުން ވާހަކަ ބަދަލުވީ މި މައުލޫގެ ރަނގަޅު މައުލޫމަތު ނެތީމާ ކަމަށް ގަބޫލު ކުރަންތޯ އައްސަވާ ހުސައިން ވަނީ ސުވާލެއް ވެސް އަމާޒުކުރައްވާފައެވެ.