ރައްޔިތުންގެ ހައްގަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ވަކާލާތުކުރުމަށް ރައްޔިތުން ހޮވާފައިތިބި މަޖިލިސް މެންބަރުންވެސް ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސިޔާސަތަށްވުރެ ސަރުކާރުގެ ސިޔާސަތު މަޖިލިސް މެންބަރުން އިސްކޮށްފައިވާ ކަމަށެވެ.
މިހާރު ފެނިގެން ދަނީ ރައްޔިތުންގެ ސިޔާސަތަށް ވުރެ ސަރުކާރުގެ ސިޔާސަތު އިސްކުރަމުންދާތަން. އެހެންވެގެން މިބުނަނީ ރައްޔިތުންނަށް ލިބުނީ އެމީހުން އޯޑަރު ކުރި އެއްޗެއް ނޫނޭ.
މިދިޔަ ސަރުކާރުން ކޮށްފައިވާ ނުރަނގަޅު ކަންކަމަށް އެންމެ ފާޑު ކިޔަމުން ދިޔަ މީހުން މިއަދު ގޮނޑި ކަށަވަރު ކޮށްގެން ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ނުކުރުމަކީ ރައްޔިތުންނަށް އިހުމާލުވުން ކަމުގައި ހުސައިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށާއި، ގައުމީ ސިޔާދަތާއި ގުޅުން ހުރި ކަންތަކުގައި މެންބަރުން ތިއްބެވީ ހަނު ކަމުގައި ހުސައިން ވަނީ ސިފަކުރައްވާފައެވެ.
އެހެންކަމުން، އިންތިޚާބުތަކުގައި ދެއްކިހާ ވާހަކަތަކާއި ދިމާނުވާ ކަމަށާއި ރައްޔިތުންނަށް ލިބުނީ އޯޑަރު ކުރި އެއްޗެއް ނޫން ކަމަށް ހުސައިން ވަނީ ވިދާޅުވެފައެވެ.