ދުރު ނޫން މާޒީއެކެވެ. 2023 ނޮވެމްބަރު 17 އެވެ. ހަވީރުގެ ފިނި ވަގުތުގައި ޖުމްހޫރީ މައިދާނުގައި ހިނގަމުން ދިޔައީ ތާރީޚީ އެއްވުމެކެވެ. އާދެ ދިވެހި ޖުމްހޫރިއްޔާ އަށް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަޚުތަށް ރެދަލި ކުރައްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތެވެ.
އެއްވެފައި ތިބި ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ތަގްރީރުކުރެއްވިއެވެ. ނުހަނު ގިނަ ފޮނި އުއްމީދުތަކެއް ދެއްވިއެވެ. އެންމެ ބޮޑަށް ތަރުހީބުގެ އަތް ތިލަ ބަޑީ އިވިގެން ދިޔައީ އެމަނިކުފާނު ދިވެހިންގެ މިނިވަންކަމާ ސިޔާސަދު ރައްކާތެރިކޮށް ހިމާޔަތްކޮށްދެއްވާނެކަމަށް ވިދާޅުވި ވިދާޅުވި ވިދާޅުވުމާ އެކުއެވެ.
އާދެހޭވެ. މިނިވަންކަން އަތުން ބީވެގެން ދާން ފަށަފއި ތިބި ބަޔަކަށް އެއަށް ވުރެ ބޮޑު އުފަލެއް ނުލިބޭނެ އެހެންނޫންތޯއެވެ.
އެގޮތުން ރައީސް މުއިއްޒު އެދުވަހު ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިލްމުވެރިންނަކީ އެ ޤައުމުގެ ކުރިބޯށި ކަމަށާއި ކޮންމެ ދާއިރާއެއްގައި ވެސް ސިޔާސަތު ތަންފީޒު ކުރުމުގައި އެ ބޭފުޅުންނަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއް ވަނައަށް. ފުރަތަމައަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތުގަ. އަޅުގަނޑު ޤައުމުތަކާ ގުޅުން ބާއްވާނަން. ހަތުރުންނަށް ނުވާނަން. ހަސަދަވެރިކަމެއް ނުބާއްވާނަން. އަވައްޓެރިންނާއި ދުރު ޤައުމުތަކަށް ވެސް އިޙްތިރާމް ކުރާނަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން ނިންމާނީ ބޭރު ބަޔަކު ބޭނުންވާ ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ، ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަށް އެކަންޏެއް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއާ އެކު އަވައްޓެރި އިންޑިއާއިން ދިވެހިންނަށް ޖެއްސުންކޮށް ބަހުގެ ހަމަލާތައް ފޮނުވިއެވެ. ތާއަބަދު ދިވެހިން އަމަލުކުރަމުން އައި އުސޫލަކީ އަލަށް ހުވާ ކުރައްވާ ރައީސަކު އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާކަމުގައި ވީނަމަވެސް އެކަން ރައީސް މުއިއްޒުގެ ސަރުކަރުން ނިމުމަކަށް ގެންނަވާ ތުރުކީއާ ޗައިނާއަށް ފުރަތަމަ ދަތުރުފުޅުކުރެއްވިއެވެ.
އެނބުރިވަޑައިގެން ނުހަނު ވަރުގަދަ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް އަމާޒުކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ރައްޔިތުންގެ ހައްގުތަކާ ކުޅެން އުޅޭނަމަ ކަންކަމުގައި އިންޑީއާ ނޫން ގޮތެއް ހޯއްދަވާނެކަން ވެސް އިންޒާރުވެސް ދެއްވިއެވެ.
މިއާއެކު އިންޑިއާއިން، ކުރީ ސަރުކާރުން ނަގާފައި ހުރި ލޯނުތަކުގެ ދަންތުރައިގެ ބޭނުން ހިފަން ފެށިއެވެ. ދިވެހި ސަރުކާރަށް ފިއްތުންތައް ފިއްތަން ފެށިއެވެ. މަޑު މަޑޫން އަތްނުލާ އައްދޮ ކިޔުއްވުމުގެ ނުހަނު ފުރިހަމަ މިސާލެއް ފެނިގެން ދިޔައެވެ.
އެއާއެކު ރައީސް މުއިއްޒުއަށް ގޮތް ހުސްވި ކަހަލައެެވެ. އިންޑިއާގެ ފައިބުޑަށް ސަލާމުގެ ނާށިގަނޑު ހިފައިގެން ދައުލަތުގެ ވެރިން ވަރު ވަރުން ދަތުރު ފެށިއެވެ. ރޮއި އާދޭސްކޮށް ލޯނުތައް ހިލޭ އެހީއަށް ބަދަލުކޮށްދިނުމަށްވެސް އެދިއެވެ.
މީގެ އިތުރުން ދާދި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އަޑި ނޭނގޭ އިތުރު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައިކަން ވަނީ ހާމަވެފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި އުތުރު ތިލަފަޅުގައި ޑޮކް ޔާޑެއް ހަދަން އިންޑިއާއަށް ފުރުސަތު ދީފައިވާ ކަމަށާ އެތަނުގައި އިންޑިއާ ސިފައިން ވެސް އޭރު ގާއިމުވެ ތިބި ކަމަށް ވެސް ބުނުމަށް ފަހު މިއަދުގެ ސަރުކާރުން މިވަނީ އެ އެގްރިމަންޓު އިހުނަށްވުރެ ވަރުގަދަކޮށް އެކުލަވާލާ ސޮއިކޮށްފައިވާ ކަމަށްވެއެވެ.
މިހާ ހިސާބުން ރައްޔިތުން ރަތަށް އެރުމުން އޭރު އެ ވާހަކަ އެންމެ ގަދައަށް ދައްކާ އުތުރުތިލަފަޅަށް އަރާ ބަލަން ދިޔަ އަދުގެ މަޖިލިސް މެމްބަރުން، ކުރީގެ ނޫސްވެރިންނާ އަދި ނޫސްވެރިންގެ ބައިވެރިން، ތިން ބަދަވީން ކަމަށް މީގެ ކުރިން މެޑަލް ޖެހި މީހުން މިއަދު އަނގަ ބެދިއްޖެއެވެ. ރޯހިތު ހޯދަން ދިއުންވެސް ނިމިއްޖެއެވެ. ރައީސް މުއިއްޒު ދެންމެވި ފަލަ ަރް ރޮނގުވެސް ފޮހެވިއްޖެއެވެ.
މިއަދު މިފެނިގެން ދަނީ ދިވެހީންގެ ރައީސް ނުހަނު ފުޅާކޮށް ދެންމެމެވި ރަތް ރޮނގު ޖަމަލު ފޮނޑިއަކަށްވެ އިންޑިއާއިން އެޅިހާ ބަތަކަށް ރިހަވާން ފެށި މަންޒަރެވެ. ކުރިއެކޭ ވެސް އެއް ގޮތަށް އެމްބެސަޑަރެއްގެ ޖާދޫގައި ޖެހުނު މަންޒަރެވެ. ދުލުން ބުނެލާ ބަހުގެ އިތުބާރު ދިވެހީންގެ ރައީސަށް ނުހިފެހެއްޓުނު މަންޒަރެވެ.
އިންޑިއާ ސިފައިން ވެސް ނުބޭލި، އެގްރިމަންޓުތައްވެސް ހާމަނުކުރެވި، ފެނިގެން މިދިޔައީ އިންޑިއާ ކުރިމަތީ ދިވެހީންގެ ރައީސް ކުޑަކަކޫ މައްޗަށް ތިރިވި މަންޒަރެވެ. ދެމި ރަތް ރޮނގު އަޅުވެތިކަމުގެ ތެރެއަށް ފެވިގެން ގޮސް ފަނޑުވި މަންޒަރެވެ.